މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރާ އެއް މިލިއަން ވަނަ ޓޫރިސްޓް މާދަމާ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެއް މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން މާދަމާ ވެލާނާ އެއާޕޯޓްހައި ހާއްސަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެއް މިލިއަން ވަނަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް ކިޔުމާއި އެކަމާ ގުޅިގެން އޭނަ އަށް ދޭ ހާއްސަ އިނާމު ވެސް ހަވާލުކުރާނެ އެވެ. އެކަން ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އަދި އިމިގްރޭޝަން ގުޅިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެއް މިލިއަން ޓޫރިސްޓު އަންނާނީ މާދަމާ މެންދުރު ފަހު ކަމަށެވެ.
އަހަރުގެ އެއް މިލިއަން ޓޫރިސްޓަށް މަރުހަބާ ކިޔަން ތައްޔާރީތައްވަމުން އަންނަ އިރު، މި އަހަރުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން އަ އެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. ގަދަ ތިނެއްގައި ދެން ހިމެނެނީ ރަޝިއާ އާއި އިނގިރޭސިވިލާތެވެ.