ކިޔުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ލޯބީގެ ބިރުވެރި ވާހަކަތަކެއް ގެނެސްދިން ލިޔުންތެރިޔާ މޫސާ ސާއީދުގެ ވާހަކަ "ދިޔަރެސް" އަށް ސީރީޒެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ޝޫޓިން މިހާރު ކުރިއަށްދާ މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރަނީ މިހާތަނަށް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ވަރަށް ގިނަ އުފެއްދުންތަކުން ފެނިފައިވާ އެކްޓަރު އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. "މާމުއި" އާއި "ވާށޭ މަށާއެކީ" ފަދަ ފިލްމުތަކުގައި ކުޅުނު ރޯލުތަކުން ބެލުންތެރިންގެ ލޯބީ ހޯދާފައިވާ އެކްޓަރު ޑައިރެކްޓްކުރާ "ދިޔަރެސް" ސީރީސް އުފައްދަނީ އޭނަގެ ވިލު ސްޓޫޑިއޯއިންނެވެ.
އެތަނުން ކުރިން ވީޑިއޯ ލަވަތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވެ އެވެ.
ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ "ދިޔަރެސް" ގެ ލީޑް ކުޅެނީ ސާމީ ހުސައިން އާއި ރަޒާން ރާމިޒެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ލަވަކިޔުންތެރިޔާ އިބްރާހީމް އަމާން އާއި މަލީހާ ވަހީދުގެ އިތުރުން މުޅިން އާ މޫނުތަކެއް ވެސް ހިމެނެ އެވެ.
"ދިޔަރެސް" ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ 12 އެޕިސޯޑްގެ ސީރީޒެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ ކޮން އިރަކު، ކޮން ޕްލެޓްފޯމަކުން ކަމެއް ވިލު ސްޓޫޑިއޯ އިން އަދި އިއުލާނެއް ނުކުރެ އެވެ.
މީގެ ކުރިން ވެސް މޫސާ ސާއިދުގެ ވާހަކަތަކަށް އުފެއްދުންތައް ގެނެސްދީފައިވެ އެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން ޓީވީއެމަށް ކުރީގެ ޑައިރެކްޓަރު އަލްދުލް ފައްތާހު ގެނެސްދިން ސިލްސިލާ "ރޭޝަމް" އަކީ މޫސާ ސާއިދުގެ ވާހަކައަކަށް ހެދި އެއްޗެކެވެ. އައްޑޫ މަރަދު އަށް އުފަން ލިޔުންތެރިޔާގެ ވާހަކަތަކަށް ހެދި ފިލްމުތަކުގެ ތެރޭގައި "ކަށްވަޅަށް ދާންދެން"، "ސަނދުރަވިރޭ" ގެ ދެ ފިލްމު އަދި "ދޮންކަމަނަ" ހިމެނެ އެވެ.