Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

އޯޝަންގޭޓަށް ފިލްމެއް ހަދާކަށް ނޫޅޭ

މީގެ އެތައް އަހަރެއް ކުރިން އެޓްލާންޓިކް ކަނޑަށް އަޑިއަށް ދިޔަ ޓައިޓޭނިކް ބަލަން ސަބްމެރިންއެއްގައި މިދިޔަ މަހު ދިޔަ ބަޔަކު މަރުވި "އޯޝަންގޭޓް" ހާދިސާ އަށް ބިނާކޮށް ޑައިރެކްޓަރު ޖޭމްސް ކެމެރޮން ފިލްމެއް ހަދަން އުޅޭ ވާހަކަ އޭނަ ދޮގުކޮށްފި އެވެ.

މީޑީއާތަކުގައި އެފަދަ ވާހަކަތަކެއް ދެކެވެމުންވާތީ 1997 ގެ ފިލްމު "ޓައިޓޭނިކް" ގެނެސްދިން ޑައިރެކްޓަރު މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ކުރު ޕޯސްޓެއްގައި ބުނީ އޭނަ އަކީ އާންމުކޮށް މީޑިއާތަކުގައި ފެތުރޭ ވާހަކަތަކަށް ރައްދުދޭ މީހެއް ނޫން ކަމަށެވެ. އެކަމަކު މިހާރު ދެކެވޭ ވާހަކަތަކާ ގުޅިގެން ސާފުކޮށް ދޭން ބޭނުން ވަނީ "އޯޝަންގޭޓް" ހާދިސާ އަށް ބިނާކޮށް ފިލްމެއް ހަދަން ވާހަކަ ވެސް ނުދެވޭ ކަމަށާއި އެފަދަ ފިލްމެއް ނުވެސް ހަދާނެ ކަމަށް "އެވަޓާ" ވެސް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

އޯޝަންގޭޓް އެކްސްޕެޑިޝަން ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމުކުރި ދަތުރުގައި ފަސް މީހަކު ޓައިޓޭނިކް ކުޑަ ސަބްމެރިންއެއްގައި ދިޔައީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އޭގައި ދިޔަ މީހުން މަރުވީ ސަބްމެރިން ގޮވައިގެންނެވެ.

ބޮލަކަށް 250،00 ޑޮލަރު ހޭދަކޮށްގެން ކުރި ދަތުރުގައި ދުނިޔެއާ ވަކިވެ ދިޔައީ އޯޝަންގޭޓްގެ ސީއީއޯ ސްޓޮކްޓަން ރަޝް އާއި އިނގިރޭސި ވިޔަފާވެރިއެއް ކަމަށްވާ ހާމިޝް ހާޑިން އާއި ފްރާންސްގެ ޑައިވަރެއް ކަމަށްވާ ޕޯލް-ހެންރީ ނާޖިއޮލެޓާއި ޕާކިސްތާން ދަރިކޮޅުގެ އިނގިރޭސި މަހުޖަނެއް ކަމަށްވާ ޝާހުޒާދާ ދާއޫދު އާއި އޭނަގެ ދަރިފުޅު ސުލައިމާން ދާއޫދެވެ.

ޓައިޓޭނިކް ފެތުނީ އޭޕްރިލް 15، 1912 ގަ އެވެ.

އެ ހާދިސާ އަށް ކެމަރޮން ފިލްމު "ޓައިޓޭނިކް" ގެނެސްދިނީ އޭގެ ތެރެއަށް ހިޔާލީ ލޯބީގެ ވާހަކައެއް ގެނެސްގެންނެވެ. އެ ފިިލްމު ހަދަން ކުރި މަސައްކަތުގެ ތެރޭގައި ޓައިޓޭނިކް އޮތް ތަނަށް ކެމެރޮން އެތައް ފަހަރަކު، ފީނައި ގިނަ ދިރާސާތަކެއް ހެދި އެވެ. އަދި "އޯޝަންގޭޓް" ހާދިސާއާ ގުޅިގެން އޭނަ ކަންބޮޑުވުންތަކެއް ވެސް ފާޅުކުރި އެވެ.

ކެމަރޮންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން 2009 ގެ "އެވަޓާ" ސީކްއެލް "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އެވެ.