އިންޑިއާގެ އެކްޓަރު ސަންޖޭ ކަޕޫރްގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރް، މަޝްހޫރު އެކްޓަރު މޯހަންލާލްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
މަލަޔާޅަމް ބަހުން ހަދާ މި ޕީރިއަޑް ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާ "ރުޝާބާ" އެވެ. ހިންދީ ބަހާއި ތެލެގޫ ބަހުން ވެސް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން މި މަހުގެ ފަހުކޮޅު ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، މީގެ ޑައިރެކްޓަރަކީ ކިޝޯރު ނަންދާ އެވެ.
"ރުޝާބާ" ގެ ކާސްޓްގައި ރޯޝަން މެކާ އާއި ލަވަކިޔުންތެރިޔާ ޒަހްރާ އެސް ޚާން ހިމެނެ ވެ. ޕާކިސްތާނަށް އުފަން ކުރީގެ ބަތަލާ/ލަވަކިޔުންތެރިޔާ ސަލްމާ އާގާގެ ދަރިފުޅު ޒަހްރާ އަކީ މި ފަހުން ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔަމުން އަންނަ ފަންނާނެކެވެ. އޭނަ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ސުކޫ ސުކޫ" ފާހަގަކޮށްލެވެ އެވެ.
އިންޑިއާގެ ދެކުނުގެ ފިލްމަކަށް ޝަނާޔާ ސޮއިކުރި އިރު، އޭނަ ބޮލީވުޑަށް ތައާރަފު ކުރަން ކަރަން ޖޯހަރްގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން 2021 ގައި "ބޭދަޅަކު" ކިޔާ ފިލްމެއް އިއުލާންކުރި އެވެ. މިދިޔަ އަހަރު "ގޯވިންދާ ނާމް މޭރާ" ގެނެސްދިން ޑައިރެކްޓަރު ޝިޝާންކް ކައިތާން ޑައިރެކްޓްކުރަން އިއުލާންކުރި ފިލްމުގެ ބަތަލުންނަކީ ލަކްޝް ލަކްވާނީ އާއި ގުރްފަތޭ ޕިރްޒާދާ އެވެ.
"ބޭދަޅަކު" އިއުލާންކުރި ފަހުން އޭގެ އެއްވެސް އަޕްޑޭޓެއް ފަހަކުން ދަރުމާ އިން ހިއްސާކޮށްފައެއް ނުވެ އެވެ. އެހެންވެ އެ ފިލްމަށްވެފައި އޮތް ގޮތެއް ސާފެއް ނުވެ އެވެ. ނަމަވެސް ދެކުނުގެ ސުޕަސްޓާރެއްގެ ބޮޑު ފިލްމަކުން ޝަނާޔާ އަށް ފުރުސަތު ލިބުން އެކަމާ ވަރަށް އުފާކުރާ ކަމަށް ބުނެ، ކަރަން އިއްޔެ ޝަނާޔާ އަށް ހިތްވަރުދީ އިންސްޓަގްރާމް ޕޯސްޓެއް ކުރި އެވެ.
ކަރަން އަކީ ޝަނާޔާގެ އާއިލާއާ ވަރަށް ގާތް މީހެކެވެ.
ޝަނާޔާ އަކީ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރާއި މިިހާރު ބޮލީވުޑަށް ތައާރަފުވާން އުޅޭ ހުޝީ ކަޕޫރުގެ ކަޒިންއެކެވެ. އޭނަގެ ބައްޕަ ސަންޖޭ އަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރާއި ޖާންވީ އާއި ހުޝީ އަދި އަރުޖުންގެގެ ބައްޕަ ބޯނީ ކަޕޫރްގެ ހަގު ކޮއްކޮ އެވެ.