Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ވޯޓްލާ ތަން ބަދަލުވާ ނަމަ މިހާރު ރެޖިސްޓްރީކުރެވޭނެ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ތެރެއިން ރަށްވެހިފައިވާ ނޫން ތަނެއްގައި ވޯޓްލާ މީހުން ރެޖިސްޓްރީވާން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އެ ބުނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 5 އާ ހަމައަށް ކަމަށެވެ. އެގޮތުން ރަޖިސްޓްރީކުރުން ކުރިއަށް ދާނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

ރަޖިސްޓްރީވުމަށް އެދި އޮންލައިންކޮށް ހުށަހަޅާނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. ފޯމް އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އެވެ. އަދި މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާތަކަށް ވެސް ފޯމް ހުށަހެޅޭނެ އެވެ. މާލޭގައި ހުށަހަޅާނީ އިންތިހާބާ ބެހޭ މަރުކަޒުގެ ގޮތުގައި ކަނޑައަޅާފައިވާ ދަރުބާރުގެއަށެވެ.

އީސީން ބުނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 18 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ފައިނަލް ލިސްޓު އާންމު ކުރަން ވަނީ ނިންމައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.