ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިއޮތެވެ. އެހެންނަމަވެސް ދައުލަތުގެ ހެކިން ހާޒިރުނުވެގެން މިއަދުގެ އަޑުއެހުންވަނީ ކެންސަލްކޮށްފައެވެ.
މިމައްސަލައިގައި ބްރާސްފަތި ދުވަހު އަޑުއެހުމެއް ބޭއްވިއިރު، އެ އަޑުއެހުން ބާއްވާފައިވަނީ މި މައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޒާގެ ދައުވާ ދައުލަތުން އަނބުރާ ގެންދިޔުމުންނެވެ. ކްރިކް ރިޒާގެ ބައި ދައުލަތުން އަނބުރާ ގެންދިއުމުން މިހާރު ކުރިއަށްފަނީ ރައީސް ޔާމީން އަދި ސަން ކުންފުނިތަކުގެ ބައެވެ. މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ހެކިބަސް ނަގާފައެވެ.
މި މައްސަލައިގެ ހެކިބަސް ނެގުން ކުރިއަށްގެންދާއިރު ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަސްވެސް ނަގާފައިވެއެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.