Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިންތިހާބުގައި މ. އަތޮޅުގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އެމްޑީޕީ

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި މ. އަތޮޅުގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މ. އަތޮޅުގެ ރަށްތަކަށް ކެމްޕޭނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. ވޭވަށަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުންނެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުން މ. އަތޮޅުގެ ރަށްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންއަންނަ ކަމަށާއި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް މ. އަތޮޅުގެ ބޮޑު އަޣުލަބިއްތެއް ލިބޭނެ ކަމަށެވެ. ވޭވަށު ބަނދަރު މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ވޭވަށަށް ބޭނުންވާ ގިނަ އުމްރާނީ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރުގެ ކުޅިވަރާބެހޭ ތަންތަން ގާއިމުކުރަމުންދާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ވޭވަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.

"މިހާތަނަށްއައިއިރު، ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 41 ފުޓްބޯޅަ ދަނޑު ނިމިއްޖެ. އަދިވެސް ހަމަ އެއަދަދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އެޅެމުން އެބަދޭ. 70 ފުޓްސަލް ދަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅައި ނިންމައިފިން މިހާރު. 17 ޒަމާނީ ވޮލީކޯޓް އަޅުގަނޑުމެން ނިންމަ ދީފިން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އަސާސި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތަރައްގީއާއެކު ކުރިއަށްދާން ތިބި މަންޒަރު ވޭވަށުން ފެންނަކަމަށްވެސް ވިދާޅުވިއެވެ.