ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ މީނާ ކުމާރީގެ ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކުރަން ހަމަޖެހިފައި ވަނީ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިިހާތަނަށް އެތައް ފިލްމެއްގެ ކޮސްޓިއުމް ތައްޔާރުކޮށްދިން ޑިޒައިނަރު ޑައިރެކްޝަނަށް ނުކުންނަން އުޅޭ ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ 2021 ގަ އެވެ. މި މަހުގެ 28 ގައި ރިލީޒްކުރާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކޮސްޓިއުމްތައް ވެސް ތައްޔާކުރި މަނީޝްގެ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުން ބުނީ މީނާ ކުމާރީގެ ބައޯޕިކަށް މިހާރު އޭނަ ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން މީނާ ކުމާރީގެ ރޯލަށް ޒުވާން ބަތަލާ ކްރިތީ ސެނަން ނަގާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު "ޑްރީމް ޕްރޮޖެކްޓް" އާ ބެހޭ ގޮތުން މަނީޝް ރަަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ކެރިއަރުގައި 93 ފިލްމު ކުޅުނު އަދި އެންމެ 38 އަހަރުގައި ވަކިވެ ދިޔަ މީނާ ކުމާރީ އަކީ ހިންދީ ސިނަމާއިން ފާހަގަކޮށްލެވުނު އެންމެ ރީތި އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. އަމިއްލަ ހަޔާތުގައި ކުރިމަތިވި ހިތްދަތި ކަންތައްތަކާ ހެދި "ޓްރެޖެޑީ ކްއީން" ގެ ގޮތުގައި ސިފަކުރާ މީނާ ކުމާރީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ބައިޖޫ ބަވްރާ"، "ދޯ ބިގާ ޒަމީން"، "ސާހިބު، ބީވީ އޯރް ގުލާމް" އަދި "ޕަކީޒާ" ހިމެނެ އެވެ.
އަބަދަށްފެހި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދިން ބަތަލާ މަރުވީ މާޗް 32، 1972 ގަ އެވެ.
މީނާ ކުމާރީގެ ބައޯޕިކެއް ހަދަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ގިނަ އަހަރުތަކެއްވެފައިވާތީ، ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ މަނީޝްގެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.