Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

މިލިއަން ވަނަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިއުން / ފޮޓޯ: އައްޑޫލައިވް

މި އަހަރު ރާއްޖެއައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖެއައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ރަޝިއާ ނިސްބަތްވާ އިނގިރޭސިވިލާތުގައި ދިރިއުޅޭ އެންޓޮން ޕަވްލޮވް ކިޔާ މީހެކެވެ. އޭނާ ރާއްޖެއައީ އޭނާގެ ދަރިފުޅާއި އަންހެނުންނާއި ދަރިފުޅު ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމަށް ކަމަށް އޭނާ ބުނިއެވެ. އަދި މިއީ އޭނާ އުއްމީދުވެސް ކުރި ކަހަލަ ކަމެއް ނޫން ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ބުނިއެވެ.

އޭނާ އަދި އޭނާގެ އާއިލާއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބު މުހައްމަދު އަދި އެމްއޭސީއެލްއާއި އިމިގްރޭޝަންގެ އިސްވެރިންނެވެ. އެފަރާތްތަކުން ވަނީ ފަތުރުވެރިޔާއަށް މަރުހަބާ ދަންނަވައި އެކި ކަހަލަ ހަނދާނީ ހަދިޔާތައް ވެސް އަރުވާފައެވެ.


ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، މިއަހަރު މޭއި މަސް ދަށްވި ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

" މޭއި މަސް ކުޑަކޮށް ދަށަށް ގޮސްފި. ޖޫން ޖުލައި ރަނގަޅަށް މިފެންނަނީ، ދެން އޯގަސްޓުން ފެށިގެން ވަރަށް ރަނގަޅުވާނެ ކަމަށް މިދައްކަނީ އިންޝާﷲ. އެހެންވީމަ އަހަރު އިރާދަ ކުރެއްވީއްޔާ ވަރަށް ފޯރީގައި ނިންމާލެވޭނެ. " މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމްގެ ވާހަކައިގައި، ރައީސް ރޭ އިއުލާން ކުރެއްވި ފަދައިން ސަރުކާރުގެ މިހާރު އަމާޒުތައް އަޕްގްރޭޑް ކުރެވިފައިވާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މީގެ ކުރިން 1.8 މިލިއަން ފަތުރުވެރިންނަށް އަމާޒު ހިފި ނަމަވެސް މިހާރު 1.9 މިލިއަން ފަތުރުވެރިން އަހަރު ނިމޭއިރު މަރުހަބާ ކިޔޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.