އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އެމެރިކާގެ ކުލަބެއް ކަމަށްވާ އިންޓަ މަޔާމީ އަށް ސޮއިކޮށްފި އެވެ.
އޭނަ އެ ޓީމާ ގުޅެން އުޅޭ ކަމަށް ވާހަކަ ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ފަހުން، ޓީމެއް ސޮއިކުރަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ސޮއިކުރި އާ ޓީމާ ބެހޭ ގޮތުން މެސީ ބުނީ އެއްބަސްވުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"މިއީ އަނެއްކާ ވެސް އަހަރެންގެ ފުޓްބޯޅަ ކެދިއަރުގައި އެޅުނު މުހިއްމު ފިޔަވަޅެއް. އުންމީދަކީ އެމެރިކާގެ ޓީމަކަށް މި ފަހަރު ކުޅެ، ޓީމަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީ، މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން." މިދިޔަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށް ދިން މެސީ ބުންޏެވެ.
އޭނަ އިންޓަ މަޔާމީ އަށް ސޮއިކުރި އިރު، ސައުދީ ލީގަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވެސް މިދިޔަ މަހުގެ ތެރޭގައި ވަރަށް ބޮޑަށް އެރި އެވެ. މެސީ އެންމެ ފަހުން ކުޅުނީ ފްރާންސްގެ ޕީއެސްޖީއަށެވެ. އެ ކުލަބާ އެކީ އޭނަ ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ މަހު އެވެ.
އިންޓަ މަޔާމީ އަކީ އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ރައީސްގެ މަގާމުގައި ހުރި ޓީމެކެވެ. މި ކުލަބް އުފެދުނީ 2018 ގަ އެވެ.