Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކުރިއަށް ދާނީ ރައްޔިތުންގެ އަޑު އަހައިގެން: ރައީސް

މިސަރުކާރު އޮތީ ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްދާންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މ. ރަތްމަންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރަތްމަންދޫއަކީ އެރަށުގައި ދިރިއުޅޭ އާބާދީ ކުޑަކަމުން މިވޭތުވެދިޔަ ތަނުގައި ސަރުކާރުތަކުން މުޅިންހެން އިހުމާލުވެފައި އޮތް ރަށެއް ކަމަށެވެ. ސަރުކާރުތަކުން ކުދި އާބާދީތަކަށް އިހުމާލުވެ ތަރައްގީގެ މަސައްކަތްތައް، ހާއްސަކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީއަށް ބަލާއިރު މީހެއްގެ ބޮލަށް 12،000 އަށްވުރެއް ގިނަ ޑޮލަރު ޖެހޭއިރު، އެއްވެސް ރައްޔިތަކު އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ހުރެގެން ނުވާނެ ކަމަށެވެ. 2018 ވަނަ އަހަރު "ޖަޒީރާރާއްޖެ"ގެ ނަމުގައި މެނިފެސްޓޯއެއް ހިފައިގެން ނިކުތް އެންމެ ބޮޑު އެއް ސަބަބަކީ ދައުލަތަށް ލިބޭ އާމްދަނީ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަތްމަންދޫއަކީވެސް ސަރުކާރުން ހާއްސަ އިސްކަމެއްދިން ރަށެއް ކަމަށާއި މީގެކުރިން ނުހިނގާހާ ގިނަ މަޝްރޫއުތައް ރަތްމަންދޫގައި މިސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާމެދު ރައްޔިތުން ވިސްނަންޖެހޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މީގެކުރީގެ ވެރިކަމާ، މިވެރިކަމުގައި ކަންކަން ހިނގާފައިވާގޮތް ރައްޔިތުން މިނާ ވަޒަން ކުރަންޖެހޭ ކަމަށެވެ. މިސަރުކާރު އޮތީ ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްދާންކަމަށާއި ކުދިކުދި ރަށްރަށަށް ގޮސް ރައްޔިތުން ބޭނުންވާކަންކަން އޮޅުންފިލުވައިގެން ކުރިއަށްދަނީ އެ ސަބަބާ ހުރެކަމަށްވެސް ވިދާޅުވިއެވެ.

ރައިސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް އުފާވެރިކަން އިހުސާސްވާންޖެހޭ ކަމަށާއި، ރަށް ރަށުން ވަޒީފާގެ ފުރުސަތު ހަމަޖެހި އާއިލާއާ އެކު ހަމަޖެހިގެން ދިރިއުޅެވޭނެގޮތް ހޯދަދޭންޖެހޭ ކަމަށާއި މިސަރުކާރުން ކުރަމުން ގެންދަނީ އެ މަސައްކަތް ކަމަށެވެ.