Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

އާރްޓީއެލް އެޕް ރައްކާތެރި ވާނެ

އާރްޓީއެލް ކުޅުދުއްފުށި ފެރީ ޓާމިނަލް / ފޮޓޯ: އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރްޓީއެލް) އެޕްލިކޭޝަނާއި ގުޅޭގޮތުން ވާހަކަ ފަތުރަމުންދަނީ ހަޤީޤަތް އޮޅޭގޮތަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ(އެމްޓީސީސީ) ން ބުނެފިއެވެ.

އާރްޓީއެލް އެޕްލިކޭޝަނަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސް އަދި ފޭރީ ޝެޑިއުލް ބެލުމަށާއި، ޓިކެޓް ނެގުމަށް ބޭނުން ކުރަމުންދާ މޯބައިލް އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނުގައި ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ރައްކާ ކުރެވޭއިރު ބޭންކު ކާޑުގެ މަޢުލޫމާތު ހިމެނޭހެން މި މަޢުލޫމާތު ފެންނަ ގޮތަށް އެޕްލިކޭޝަންގައި ވަލްނަރަބިލިޓީއެއް އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންގެ ބޭންކު މައުލޫމާތާއި އަދި ޒާތީ މައުލޫމާތު އާންމުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން، އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ. މިދިޔަ ޖުލައި މަހު ސެކިއުރިޓީ ވަލްނަރަބިލިޓީއެއްގެ އެކުންފުންޏަށް ރިޕޯޓް ކުރި ކަމަށެވެ. އަދި އެނގުނު ހިސާބުން ވަގުތުން މައްސަލަ ހައްލުކޮށްފައިވާ ކަމަށް ކުންފުނިން ބުނެއެވެ. މީގެ އިތުރުން އެއްވެސް ކަސްޓަމަރެއްގެ ބޭންކު މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ނެގޭނެ ފަދަ އެއްވެސް މައުލޫމާތެއް އެކުންފުނީގެ ސިސްޓަމްތަކުގައި ރައްކާނުކުރެވޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އާރްޓީއެލް ފެރީ ލޯންޗެއް / ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

މިގޮތުން އެޕްލިކޭޝަންގައި ބޭނުން ކުރަނީ ބޭންކް އޮފް މޯލްޑިވްސް ޕޭމެންޓް ގޭޓްވޭއަށް ވާއިރު، މިއީ ބައިނަލްއަޤްވާމީ މިންގަނޑަށް ސާޓިފައި ކުރެވިފައިވާ ޚިދުމަތެއް ކަމަށް އެމްޓީސީސީން ޔަޤީންކަން ދެއެވެ. އަދި ކަސްޓަމަރުންގެ ބޭންކިންގް ހުރިހާ މައުލޫމާތެއް ހިއްސާ ކުރެވޭނީ ބީއެމްއެލް ސެކިއުއާރ ޕޭމެންޓް ޕޯޓަލްގައިކަން އެމްޓީސީސީން ފާހަގަކުރެއެވެ.

މިސެކިއުރިޓީ ވަލްނަރަބިލިޓީ ފާހަގަ ކުރެވުނު ފަރާތުންވެސް ވަނީ އެ މައުލޫމާތު އާންމު ކުރުމުގެ ކުރިން އެކަން އެކުންފުންޏަށް އަންގާ ހައްލުވެފައިވާކަން ޔަޤީން ކޮށްފައިވާނެ ކަމަށް ބުނެފައެވެ. އެ ފަރާތަކީ ކާކުކަން އެނގެން ނެތް ނަމަވެސް އެ ފަރާތުން ވަނީ އެ ކަމާއި ގުޅޭ ވިޑީއޯވެސް ޔޫޓިއުބުގައި އާންމުކޮށް ވާހަކަ ދައްކާފައެވެ.

އެމްޓީސީސީން ވަނީ މިގޮތަށް ހަޤީޤަތް އޮޅޭ ގޮތަށް ފަތުރާ މައުލޫމާތަށް ސަމާލުވާން އެދިފައެވެ. އަދި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.