Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ކުރިއަށް އޮތް ފަސް އަހަރު އާ ޖީލަށް ހުޅުވާލާނަން

ޒުވާން އައު ޖީލަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސުލް ޖުމުހޫއްރީއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މަޑުއްވަރިއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދައުރުގައި ގިނަ ވަޢުދުތަކެއް ވާޏް ޖެހުނު ކަމަށެވެ. އެއީ އޭރުގެ ސަރުކާރުތަކުން ކަންކަން ކުރިއަށް ގެންދާ ނިންމަވާފައިވާ ގޮތަށް ކުރިއަށް ގެންދާނަމަ، 15 ނުވަތަ 20 އަހަރު އެކަންކަން ކުރުމަށް ނަގާނެ ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ފުރަތަމަ ދައުރު ފުރިހަމަ ކުރުމަށްދާއިރު އެ ވަޢުދުތަކުގެ 90 އިންސައްތަ ފުއްދިފައިވާތީ އުފާވާކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ތަރައްޤީގެ މަޝްރޫޢޫތަށް ކުރިއަށްދާއިރު މީހުން ބިނާ ކުރުމަކީ ދޫކޮށްލި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެގޮތުން ސްކޫލުތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތް ޤާއިމް ކުރުމުގެ އިތުރުން މީހުން ބިނާކުރުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"ވަރަށް އުއްމީދީ ކުދިންކޮޅެއް މިއަންނަނީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެކުދިން އައިސް މިޤައުމު އެހެން މަރުހަލާއަކަށް ގެންދިއުން. އަޅުގަނޑުމެން މި ބޭނުންވާ އުފާވެރި އަމާން ރާއްޖެއަށް ދެވޭނީ މިކުދިންނަށް ފުރުސަތު ދީގެން. ޒުވާން އައު ޖީލަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭ ފުރުސަތު ހުޅުވާލާނަން. " ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތަޢުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން މިހާތަނަށް ކުރަމުންދާ މަސައްކަތަށް ވަނީ އަލި އަޅުވާލައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ދަށުން ޒުވާނުން ބިނާކުރުމަށް ދީފައިވާ ފުރުސަތުތައް ރައީސް ފާހަގަކޮށްދެއްވިއެވެ.

މިގޮތުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގައި މިހާތަނަށް 17058 ދަރިވަރުން ކިޔަވަމުންދާ ކަމަށާއި 6540 ދަރިވަރުން ކިޔަވާ ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާކީ ކުދިން ކުރިއަށް އޮތް 3 ނުތަވަ 4 އަހަރު ދުވަހު ތެރޭ ކިޔަވައި ނިމި މަސައްކަތުގެ މާޙައުލަށް ނިކުންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން 3000 ދަރިވަރުން ސްޓޫޑެންޓް ލޯނުން ކިޔަވަމުންދާއިރު، 1265 ދަރިވަރުން ސްކޮލާޝިޕް ދަށުން ކިޔަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.