މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިޔާ މަޝްރޫޢުގެ ދަށުން އަޅަން ހަވާލުކޮށްފައިވާ ޓަވަރުތަކުގެ މަސައްކަތް އޯގަސްޓު މަހު ނިންމާ ބޭނުން ކުރަން ފަށާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނިން މިކަން ހާމަކޮށްފައިވަނީ އެމްޕީއެލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެމްޕީއެލް ސްޓާފް ނައިޓުގައި ވާހަކަ ދައްކަވަމުންނެވެ. އެމްޕިއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެކުންފުނީގެ ހައުސިންގް ސްކީމުގެ ދަށުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އަޅާ ތިން ޓަވަރުގެ އެޕާޓްމެންޓް މަސައްކަތް އޯގަސްޓް މަހުގެ ނިޔަލަށް މުޅިން ނިންމާލައި، މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ. އަދި މި ފްލެޓުތަކުން މިއަހަރު ނިޔަލަށް ކުލި ނުނަގާނެ ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.
ޝާހިދުގެ ވާހަކައިގަ މި ފްލެޓްތައް ޖުލައި މަސް ނިންމައި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެހައި ހިސާބުން ފާނިޝިންގް ބައެއް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ހުރިހާ މަސައްކަތެއް އޯގަސްޓް މަހު ފަހުކޮޅަށް ނުވަތަ، އޯގަސްޓުގެ ނިޔަލަށް ނިންމާލެވޭނެ ކަަމަށް ކޮންޓްރެކްޓަރުން ބުނަނީ. އެހެންވީމަ އޯގަސްޓް މަހަށް ފަހު މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެ" ޝާހިދު ވިދާޅުވިއެވެ.
އަދި މުވައްޒަފުން މިތަނުގައި އުޅެން ފަށާ ދުވަހުން ފެށިގެން، އަހަރުގެ ނިޔަލަށް ކުލި ނުނަގާނެ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެއެވެ. އަދި ފްލެޓްތަކުގައި މިހާރު ކުރިއަށްދަނީ ކަރަންޓާއި ލިފްޓް އަދި ފިނިޝިން މަސައްކަތް ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށި މަޝްރޫޢުގެ ދަށުން 15 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 330 ދެ ރޫމް އެޕާޓްމެންޓެވެ.