ބުރާސްފަތި ދުވަހުގެ ރޭ ހުޅުދޫގައި އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރި ޒުވާނާ ސަލާމަތް ކުރި ދެ ފުލުހުންނަށް ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު ޝުކުރު ދަންނަވައިފިއެވެ.
އާއްމު ފަރާތަކުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެގެއަށް ދިޔަ އިރު އޭނާ ވަނީ، އޭނާ ދިރި އުޅޭ ކޮޓަރީގެ ފަންކާގައި ވަލެއް އައްސައިގެން ދަންޖެހިފައެވެ. އަދި ރިޕޯޓާއި ގުޅިގެން ފުލުހުން ގޮސް ކޮޓަރިއަށް ވަދެ އޭނާގެ ކަރުގައި އައްސާފައިވާ ވާގަނޑު ކަނޑާލައި ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާގެ ފުރާނަ ވަނީ ސަލާމަތް ކޮށްފައެވެ.
މި މީހާގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދީފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް އަޙްމަދު ޝަފީޤް އާއި ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު މިނާން އެވެ.
ސީޕީ ކޯޕްރަލް އަހްމަދު ޝަފީޤަށް ފޯނު ގުޅުއްވައި އެދެ ފުލުހުންގެ ހިތްވަރުގަދަ މަސައްކަތަށާއި ދެއްކި ސާބިތުކަމަށް ޝުކުރު އަދާކުރައްވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ އެންމެ އިސް ވާޖިބަކަށް ވާންވާނީ ރައްޔިތުންނަށް ޚިދުމަތްކޮށް ރައްޔިތުންގެ ފުރާނަ ސަލާމަކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ. ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ ފުލުހުންގެ މަސައްކަތުގެ އެންމެ އިސްވާޖިބުކަން ކޮންމެ ފުލުހަކުވެސް ހަނދާން ކުރަން ޖެހޭނެކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މިދަނޑިވަޅަކީ ތަފާތު އެކިއެކި ވިސްނުންތަކުގެ މީހުން ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނައްތާލައި ބަލިކަށި ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ކަމަށެވެ. މިގޮތުން އެކި ކަހަލަ ބަދުނާމުތައް ފުލުހުންގެ ބޮލުގައި އަޅުވައި އެކިކަހަލަ އިލްޒާމްތައް ފުލުހުންގެ ބޮލުގައި އަޅުވަމުންދަނީ ފުލުހުންގެ މަސައްކަތުގެ އަމާޒު ބަދަލުކޮށް ފުލުހުންގެ މަސައްކަތުގެ ރޫޙް ދަށް ކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް ކުރެވެމުންދާ މިކަހަލަ ކަންކަމުން ފުލުހުންގެ މަސައްކަތުގެ ފަންވަރާއި އަމާޒު ބަދަލުވުމުގެ ބަދަލުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އިތުރު ބާރަކާއި ހިތްވަރުތަކެއް ލިބިގެންދާކަން މިއަދުވެސް އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ކުރިމަތިވާ އެކިކަހަލަ ނުރައްކާތެރި ޙާލަތްތަކުގައި ފުލުހުން ނުކުމެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި އެކި ޙާދިސާތަކުގައި މީގެ ކުރިންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިފަދަ ބައެއް ޙާލަތްތަކަކީ ފުލުހުންގެ ފުރާނައަށްވެސް ނުރައްކަލާ ކުރިމަތިލާންޖެހޭ ޙާލަތްތަކެކެވެ.