Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

ނުޒޫ އަށް ވެސް ރެކޯޑް އަގެއް!

ރާއްޖޭގައި ފިލްމު ކުޅޭ މީހުންނަކީ ފިލްމުތަކުން މާ ބޮޑު އުޖޫރައެއް ލިބޭ ބައެއް ނޫނެވެ. ކުޑަކުޑަ އިންޑަސްޓްރީއެކެވެ. އުފެއްދުންތައް ވެސް ވަރަށް މަދެވެ.

އެކަމަކު މި އިންޑަސްޓްރީގައި ރެކޯޑް އަގުތަކަށް ފިލްމު ކުޅުނު މަދު ބަޔަކު އެބަތިއްބެވެ. ހާއްސަކޮށް ބަތަލާއިންނެވެ. އޭގެ ތެރެއިން އެކަކީ ގިނަ ފިލްމުތަކާއި ޑްރާމާތަކެއް ކުޅެ، އެކްޓިންއާ މިހާރު ދުރުގައި ހުރި ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދެވެ. އޭނަގެ ނަން ދީގެން އަދި ޓައިޓްލް ރޯލު ކުޅެ، ޑައިރެކްޓްކުރި "ނިއުމާ" އިން ނިއުމާ އަށް ފީއެއްގެ ގޮތުގައި 175،000ރ. ލިބުނެވެ. އެހެންވެ އޭނަވެފައި ވަނީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ބޮޑު އަގަކަށް ފިލްމެއް ކުޅުނު ތަރިއަށެވެ.

އާއިލާގެ ތެރެއިން ޖިންސީ ޝިކާރައަކަށްވާ މީހެއްގެ ހިތްދަތި ހަޔާތް ދައްކުވައިދިން "ނިއުމާ" އަކީ މުހައްމު އަބްދުﷲ (މުހައްމާކަލޯ) ގެ ދެކެދެކެ ޕްރޮޑަކްޝަނުން 2010 ގައި ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ.

ނިއުމާގެ ކުރިން ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ފިލްމެއް ކުޅުނު ބަތަލާ އަކީ "ދެރިޔާ" ގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން ޕްރޮޑިއުސްކުރި ދެވަނަ ފިލްމު 2001 "ރަންމުތް" ގެ ލީޑް ރޯލު ކުޅުނު އާ ބަތަލާ އާމިރާ އެވެ. އެ ފިލްމު އޭނަ ކުޅުނީ 75،000ރ. އަށެވެ.

ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބޭ "ރަންމުތް" އަކީ އާމިރާ ކުޅުނު ހަމައެކަނި ފިލްމު ވެސް މެ އެވެ.

ރާއްޖޭގެ މިހާރުގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ މަރިޔަމް އައްޒަަގެ އިތުރުން އައިމިނަތު ރިޝްފާ އަށް 2017 ގެ ފިލްމު "ހައްދު" އިން ފީއަކަށް ކޮންމެ ބަތަލާއަކަށް 30،000ރ. ލިބިފައިވެ އެވެ. އަބްދުލް ފައްތާހް ޑައިރެކްޓްކުރި އެ ފިލްމުން ތައާރަފުކުރި އާ ބަތަލު އަހުމަދު ޝިބާން އަށް ފިލްމުން 40،000ރ. ގެ ފީއެއް ލިބުމެވެ.

ދެން މިހާރު ދައްކަން އޮތީ މިހާރުގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭގައި ހިމެނޭ ނުޒުހަތު ޝުއައިބު (ނުޒޫ) ގެ ވާހަކަ އެވެ. އަންނަ މަހުގެ 6 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ނީނާ" އިން އޭނަ އަށް ފީއެއްގެ ގޮތުގައި 150،000ރ. ލިބިފައިވެ އެވެ. މި ވާހަކަ ނުޒޫ ބުނީ ޓީވީއެމުން ރޭ ގެނެސްދިން "ވީކެންޑް ވައިބްސް" ޕްރޮގްރާމްގަ އެވެ. އަދި އެކަން ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ.

 

View this post on Instagram

 

A post shared by Nuzhath Shuaib (@nuzhath_shuaib)

އެހެންވެ ނުޒޫވެފައި މި ވަނީ ނިއުމާ ފިޔަވައި ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އަގަކަށް ފިލްމެއް ކުޅުނު ބަތަލާއަށެވެ. މިހާތަނަށް ގިނަ އުފެއްދުންތަކުން ފެނިފައިނާ ނުޒޫ ފިލްމީ ދާއިރާ އަށް ނުކުތީ ޓައިޓްލް ރޯލު ކުޅުނު 2017 ގެ "މަލިކާ" އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވަކިން ލޯބިން"، "ގޮށްރާޅު"، "މާމުއި"، "ބަވަތި"، "ނޯޓީ 40" އަދި "ފަރީ" ހިމެނެ އެވެ.

ނުޒޫގެ ވެބް ސީރީޒްތަކުގެ ތެރޭގައި ބައިސްކޯފުން މިހާރު ގެނެސްދޭ "ޔާރާ" ގެ އިތުރުން ކުރިން ގެނެސްދީފައިވާ "ރޫމިއާ ޖަންނަތު" އަދި "ނޫންތަ؟" ހިމެނެ އެވެ.

"ނީނާ" އިން ބޮޑު އަގެއް ލިބުނު ބަތަލާ އެ ފިލްމުގައި ކުޅެފައި ވަނީ މީގެ ކުރިން ފިލްމެއްގައި ރާއްޖޭގެ ބަތަލާއަކު ކުޅެފައިވާ ނުވާ ކަހަލަ ތަފާތު ރޯލެކެވެ. ފިލްމުގެ ޓްރެއިލާ އިން ވެސް އެކަން އެނގެ އެވެ. ދެން އޮތީ 150،000ރ. އަށް ފީ އަށް ނެގި ފިލްމަށް ނުޒޫ ކޮށްފައި އޮތް މަސައްކަތް ބޮޑު ސްކްރީނުން ބަލާލަން އިންތިޒާރުކުރުމެވެ.

އަގާ އެއްވަރުގެ ރޯލަކަށް ވާނެ ކަމަށް އުންމީދުކުރަމާ ހިނގާށެވެ.