Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދަށް ވުރެ ބޮޑަށް ލިބޭ ނަފާ ގުނަން ޖެހޭ

މިނިސްޓަރ މައުސޫމް ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ / ފޮޓޯ: އައްޑޫލައިވް

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުގެ އިތުރުން މި ސިނާޢަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީ އާއި ނަފާގެ ހިސާބުތައްވެސް ޖަހަން ޖެހޭ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައުމާއި ގުޅިގެން ބޭއްވި ރަސްމީއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން މިނިސްޓަރ މައުސޫމް ވިދާޅުވީ، މިއަހަރު އަޅުގަނޑުމެން ފަތުރުވެރިންގެ އަދަދު ގުނި ކަމުގައިވިއަސް ވެސް، ސަރުކާރުން ސަމާލުކަން ދެނީ ފަތުރުވެރިކަމުން ދައުލަތަށް އަދި ރައްޔިތުންނަށް ލިބޭ ނަފާއާއި މަންފާގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

"ފަތުރުވެރިންގެ އަދަދު އެއީ އަޅުގަނޑުމެން ގުނާ އެއް ހިސާބު. އެހެން ނަމަވެސް ކިހާ އާމްދަނީއެއްތޯ ދައުލަތަށް ލިބެނީ، މުވައްޒަފުންނަށް ލިބެނީ ކިހާ ޓިޕްސްއެއްތޯ، ކިހާ ސާވިސް ޗާޖެއްތޯ. އިންޑަސްޓްރީގެ އެހެން ފަރާތްތަކަށް ލިބެނީ ކިހާ ފައިދާއެއްތޯ. އެއީ އަޅުގަނޑުމެން ބޮޑަށް ހިސާބު ޖަހަން ޖެހޭ ހިސާބަކީ" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފަތުރުވެރިކަން ފޯރުވުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ފަތުރުވެރިކަމަށް ހާއްސަ ސަރަހައްދުތައް ޤާއިމްކޮށް އިންޓަގްރޭޓެޑް ޓުއަރިޒަމް ކޮންސެޕްޓަށް ތަރައްޤީ ކުރުމަށް މިނިސްޓްރީން އެހީ ވެދެއެވެ.

މީގެ އިތުރުން ހޯމް ސްޓޭ ފަދަ ފަތުރުވެރިކަމުގެ ތަފާތު ބާވަތްތައް ތަޢާރަފްކޮށް، ރައްޔިތުންގެ ޖީބަށް ފަތުރުވެރިކަމުގެ ނަފާ ފޯރުވުމަކީ މި ސަރުކާރުން އަދި މިނިސްޓަރ މައުސޫމް ތަކަރާރުކޯށް ވިދާޅުވަމުން ގެންދަވާ ވާހަކައެކެވެ.