Last Updated: June 7, 11:00
Sunday, June 7, 2026
ޚަބަރު

ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

2022 ވަނަ އަހަރު ފަތުރުވެރިކަމުގެ އެވޯޑު ހާސިލް ކުރި ފަރާތަކަށް އެވޯޑު ރައީސް ސާލިހް ދެއްވަނީ / ފޮޓޯ : ރައީސް އޮފީސް

ފަތުރުވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ 1:00 ހަމައަށެވެ. މީގެ ކުރިން މިއަދު މުއްދަތު ހަމަވާ ގޮތަށް ފުރުސަތު ހުޅުވާލާފައިވާ މި އެވޯޑަށް 59 ފަރާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. ފަތުރުވެރިކަމުގެ އެވޯޑަކީ މި ދައިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކުންފުނިތަކުގެ އަގުވަޒަން ކުރުމުގެ މަޤްސަދުގައި ސަރުކާރުން ދޭން ފެށި އެވޯޑެކެވެ.

މި ފަހަރު 59 އެވޯޑެއް 5 ގިންތިއަކުން ދޭއިރު، ގިންތި ކުރެވިފައިވާ ދާއިރާތަކަކީ ފަތުރުވެރިކަމުގެ ދައިރާގެ ޕްރޮފެޝަނަލް ނުވަތަ ޕާސަނަލިޓީސް، ރިސޯޓުތައް، ގެސްޓްހައުސް އަދި ހޮޓެލްގެ އިތުރުން ސަފާރީ އުޅަނދުތަކުގެ ގިންތިއެވެ. މީގެ އިތުރުން އެހެން ފެސިލިޓީތަކުގެ ތެރޭ ޑައިވް ސެންޓަރުތަކާއި ޓްރެވެލް އޭޖެންސީ، ވޯޓާ ސްޕޯޓްސް ސެންޓަރުތައް ވަނީ ހިމަނާފައެވެ.

ފަތުރުވެރިކަމުގެ އެވޯޑަށް ރިސޯޓުތަކަށް 16 ދާއިރާއަކުން އެވޯޑަށް ކުރިމަތިލުމަށް ފުރުޞަތުވަނީ ހުޅުވާލާފައިއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކަށް 15 ދާއިރާއަކުން ހުޅުވާލިއިރު، ޓޫރިސްޓް އުޅަނދުތަކައް ޖުމްލަ 13 ދާއިރައަކުން އަދި، ޓުރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރުގެ އިތުރުން ވޯޓަރ ސްޕޯޓްސް ސެންޓަރުތަކައް 5 ދާއިރާއިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާފައެވެ. އަދި ޕްރޮފެޝަނަލް ދައިރާއިން 10 އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފުރުތަމަ ހުޅުވާލީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރުމާއި ގުޅުވައި ދޭން ފެށި މި އެވޯޑު މިދިޔަ އަހަރު 48 ފަރާތަކަށް ވަނީ ދީފައެވެ.