Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

މެސީ ގެނައުމަކީ ހުވަފަނެއް ހަގީގަތަކަށްވުން: ބެކަމް

އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އެމެރިކާގެ އިންޓަ މަޔާމީ އަށް ގެނައުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށް އިންޓަ މަޔާމީގެ ކޯ އޯނަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ބުނެފި އެވެ.

މެސީ ،36، އިންޓަ މަޔާމީ އަށް ބަދަލުވީ 2025 ގެ ނިޔަލަށް އެ ކްލަބުގައި ހުންނަ ގޮތަށެވެ. އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް މެސީ މިއަދު ދައްކާލާނެ އެވެ.

އިންޓަ މަޔާމީ އަށް މެސީ ސޮއިކުރުމުން ބެކަމް ބުނީ މަޔާމީގެ ފުޓްބޯޅަ ކްލަބެއްގެ މަސައްކަތް މީގެ 10 އަހަރު ކުރިން ފެށިއިރު ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އެ ކްލަބަށް ގެނައުމަކީ ދެކެމުން އައި ހުވަފަނެއް ކަމަށެވެ. އެ ހުވަފެއް މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށާއި މެސީ ފެންވަރުގެ ކުޅުންތެރިއެއް އިންޓަ މަޔާމީ އަށް ސޮއިކުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

މެސީގެ އިތުރުން ބާސެލޯނާ އަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވެސް އިންޓަ މަޔާމީ އަށް ބަދަލުވާން ވަނީ ނިންމައިފަ އެވެ. އަދި ބާސާ އަށް ކުޅެމުން އައި ޑިފެންޑަރު، ޖޯޑީ އަލްބާ ވެސް އެ ކްލަބަށް ގެންނަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޓަ މަޔާމީގެ ޖޯޒީގައި މެސީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 21 ގަ އެވެ. އެ މެޗުގައި އިންޓަ މަޔާމީ ވާދަކުރާނީ ލީގާ އެމްއެކްސްއާ އެވެ.

މިއީ މެސީގެ ކެރިއަރުގައި ޔޫރަޕުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދާފައިވާ މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.