Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ވާދަވެރި ކެމްޕެއިނެއް ކުރަން އިދިކޮޅަށް ރައީސް ގޮވާލައިފި

ވާދަވެރި ކެމްޕެއިނަކަށް ނިކުންނަވަން އިދިކޮޅު ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ގޮވާލައްވައިފިއެވެ.

ރައީސް ސާލިހް މިގޮތަށް ގޮވާލެއްވީ، މިރޭ މ. ދިއްގަރުގައި ހުޅުވި އެމްޑީޕީގެ ހަރުގެ ހުޅުވައި ދެއްވައި، ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި އެމަނިކުފާނު ވަނީ އިދިކޮޅު ކެންޑިޑޭޓުން ވާދަވެރި ކެމްޕެއިނަކަށް ނިކުތުމަށް ގޮވާލައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މީގެ އެތަށް އަހަރެއް ކުރިން ޒަމާނީ ޑިމޮކްރެސީއެއް ގެނައުމަށް ފެށި މަސައްކަތުގެ ތެރެއިން، މިއަދު ވާދަވެރި ކެމްޕެއިނެއް ހިންގައި އިންތިހާބުގައި ވާދަކޮށް ވޯޓުން ނަތީޖާ ނެރެވޭ ހިސާބަށް އެޕާޓީއަށް އާދެވިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ވާދަވެރިން އަދި އެއުޅުއްވަނީ 2000 ގެ އަހަރުތަކުގެ ކުރީކޮޅުގައިއޭ ބައެއް ފަހަރު އެމަނިކުފާނު ހިތަށް އަރާ ކަމަށެވެ.

"އޭރު އަޅުގަނޑުމެން ކުރަން ފެށި މަސައްކަތް ކޮންމެވެސް ވަރަކަށް އެބަ ފެނޭ. އަޅުގަނޑު ވަރަށް އިޙްތިރާމާއެކު މިދަންނަވަނީ ދޫކޮށްލަވާށޭ. ރަންގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ. އަޅުގަނޑުމެން މިތިބީ ނިކުމެ ވާދަކޮށް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާށޭ. " ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސުލްހަ ގެއްލުވުމަށް ކުރާ ކަންތަކަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އަމަން އަމާންކަން ފުލުހުންނާއި ސިފައިން ބަލަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ވާހަކަ ވަނީ ތަކުރާރު ކުރައްވާފައެވެ.

މ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ދިއްގަރަކީ އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ރަށެވެ. މި ދަތުރުފުޅުގައި މ. އަތޮޅުގެ ގިނަ ރައްތަކަށް އެމަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފައެވެ.