ހިތަދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން މިއަދު ފަށާނެއެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމް ސަރަހައްދުގައި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުމުގެ މަސައްކަތް މިއަދު ފަށާއިރު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ އެޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީއިން ބުނެއެވެ.
ހިތަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ޑިޒައިނިން މަސައްކަތް ރިޔަން ކުންފުންޏާއި އެކު ހަދާފައިވާ އިރު ހޮސްޕިޓަލްގެ ޑިޒައިިނިން މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ.
އަޅަން ކިޔާތާ 13 އަހަރުވެފައިވާ ހޮސްޕިޓަލްގެ ބިމުގެ މައްސަލަ މިދޭތެރެއިން ޖެހުނު ނަމަވެސް ހެލްތު މިނިސްޓްރީއިން ހޮސްޕިޓަލް އެޅުމަށް ނިންމާފައިވަނީ ސްޓޭޑިއަމް ސަރަހައްދުގައިވާ ބިމުގައެވެ.
ސިފައިން ބިން ސާފުކުރުމުގެ މަސައްކަތް ފަށާއިރު، 2011 ވަނަ އަހަރު ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރުގެ ބޮޑު ބައި މަސައްކަތް ކޮށްފައިވަނީ ސިފައިންނާއި ފުލުހުންނެވެ. އަދި ސިފައިންނާއި ފުލުހުން ކުރި މަސައްކަތަށް ބިލް ހަދައިގެން އެހެން ބަޔަކު ފައިސާ ނަގާފައިވާކަމަށް އޮޑިޓާ ޖެނެރަލް ވަނީ ބުނެފައެވެ.