Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

ސިޔާސީ ދާއިރާ އަށް ނުކުންނާކަށް ނޫޅެން

ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން ސިޔާސީ ދާއިރާ ނުކުންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ މިހާރު އަންނަނީ ސިޔާސޯ ދާއރާއަށް ނުކުންނަން ތައްޔާރުވަމުންނެވެ. އަދި އޭނަގެ މަންމަ ބަތަލާ ޖަޔާ ބައްޗަން ފަދައިން ސިޔާސީ ދާއިރާ އިން ގައުމަށް ހިދުމަތް ކުރުމުގެ ޝައުގުވެރިކަން އަބީޝެކްގެ ވަރަށް ބޮޑު ކަމަށް ބުނެފައިވެ އެވެ.

މި މަހުގެ 28 ގައި ރިލީޒްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ރޯލެއް ކުޅެފައިވާ ޖަޔާ، 75، އަކީ ސަމާދުވާޖީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިވެ، ރާޖިއާ ސަބާގެ މެމްބަރެކެވެ. އެތަނުގައި އޭނަ އުއްތަރު ޕްރަދޭޝް ތަމްސީ،ލުކުރަމުން އަންނަނީ 2004 އިން ފެށިގެންނެވެ.

ޖަޔާގެ ފިރިމީހާ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ވެސް 90 ގެ ތެރޭގައި ސިޔާސީ ދާއިރާ އަށް ނުކުތެވެ. އެކަމަކު އެ ދާއިރާ އިން އޭނަ އަށް މާ ބޮޑު ކުރިއެރުމެއް ނުލިބުމުން އަލުން ފިލްމީ ދާއިރާ އަށް ހުސްވި އެވެ.

އަބީޝެކް ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކޮއިމޮއި އަށް ދިން އިންޓަވިއުއެއްގައި ބުނީ އެފަދަ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.

"އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެއީ ކޮން ތާކުން ތިލަވެގެން އުޅޭ ވާހަކައެއް ކަމެއް. އަދި ސިޔާސީ ދާއިރާއަކަށް ޝައުގެއް ވެސް ނެތް." އޭނަ ބުންޏެވެ.

ފިލްމީ ދާއިރާ އިން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ އަބީޝެކްގެ އެންމެ ފަހުހެ ފިލްމަކީ މިދިޔަ އަހަރުގެ ސޯޝަލް ކޮމެޑީ "ދާސްވީ" އެވެ. އޭގައި އޭނަ ކުޅުނު ތައުލީމީ ފެންވަރެއް ނެތް އަދި ކޮރަޕްޝަންގެ ތުހުމަތުކުރެވި ޖަލަށް ދާން ޖެހޭ ޗީފް މިނިސްޓަރެއްގެ ރޯލެވެ.

"ދާސްވީ" ގެ ދެވަނަ ބައެއް ވެސް ހަދަން ނިންމާފައިވާ އިރު، އަބީޝެކް ދެން އެންމެ އަވަހަށް އޭނަ ބައްޕަ އަމީތާބާ އެކީ ކުޅުނު 2009 ފިލްމު "ޕާ" ގެ ޑައިރެކްޓަރު އާރް ބަލްކީގެ "ގޫމަރު" އިންނެވެ.