ދެން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅަނީ؛ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަމަށެވެ. އެގޮތުން އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5،000 ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ކަނޑައަޅާނެ ކަމަށް ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގައިވާ ގޮތުން، މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ 12 މަހާއި 10 މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އީސީން ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅަނީ؛ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ…
— Ismail Habeeb (@IsmailHabeeb) July 16, 2023
އެހެންވެ މި މަހުގެ 28 ވަނަ ދުވަހުގެ ކުރީން، ކުރިއަށް އޮތް ރައްޔިތުންގެ މަޖލީހުގެ މެންބަރުންގެ ޢަދަދު އީސީ އިން ކަނޑައަޅާނެ ކަމަށް ވިދާޅުވި އެވެ.
"އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް." ހަބީބު ވިދާޅުވި އެވެ.
އޭނަ ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތީ އެންމެ ފަހުން ރަޖިސްޓާކުރި އާބާދީއަށް ބަލާފައި ކަމަށެވެ. އެހެންވެ މި މަހުގެ ތެރޭގައި އިތުރުވާ ދާއިރާތައް އީސީން ހާމަކުރާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
ރައްޔިތުންގެ މަލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ.