Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

ކެޓްރީނާ އުފަން ދުވަސް މި ފަހަރު ވެސް ރާއްޖޭގައި

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ އުފަން ދުވަސް މި އަހަރު ވެސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

އެކްޓަރު ވިކީ ކޯޝަލްގެ އަންހެންނަށް 40 އަހަރު ފުރުނީ އިއްޔެ އެވެ. އުފަން ދުވަސް ފާހަގަކުރަން ކެޓްރީނާ އާއި ވިކީ ރާއްޖެ އަށް ކުރި ދަތުރުގެ ފޮޓޯތަކެއް ވިކީގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށް، އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވެ އެވެ. ނަމަވެސް ވިކީގެ ޕޯސްޓުން އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ކެޓްރީނާގެ 39 ވަނަ އުފަން ދުވަސް ވެސް މިދިޔަ އަހަރު ފާހަގަކުރީ ރާއްޖޭގަ އެވެ. އެ ދަތުރަށް ދެމަފިރިން ސޮނެވާފުއްޓަށް އައީ ބޮޑު ޓީމަކާ އެކީގަ އެވެ. އެ ޓީމްގައި ކެޓްރީނާގެ ކޮއްކޮއިން ކަމަށްވާ އީޒަބެލް ކެއިފާއި ސެބަސްޓިއަން ލޯރެންޓް މައިކަލްގެ އިތުރުން ބަތަލާ އިލިއާނާ ޑި ކްރޫޒް އާއި ޑައިރެކްޓަރު ކަބީރު ޚާނާއި އޭނަގެ އަންހެނުން މިނީ މާތޫރާއި ވިކީގެ ކޮއްކޮ ސަނީ ކޯޝަލް އާއި ބަތަލާ ޝްރުވާރީ ވާގްގެ އިތުރުން ޑައިރެކްޓަރު އާނަންދު ތިވާރީ ބައިވެރިވެ އެވެ.

ކެޓްރީނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން އަންނަ ބަތަލާއިންގެ ތެރެއިން އެކެކެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ ކުރީގެ ލޯބިވެރިޔާ ސަލްމާނާ އެކީ ކުޅެފައިވާ "ޓައިގާ 3" އެވެ. ފިލްމު ނޮވެމްބަރު ރިލީޒްކުރާނެ އެވެ. މިދިޔަ މަހު ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" ގެ ބަތަލު ވިކީގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް، ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރު" އެވެ.

ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރަން ފިރިމީހާއާ އެކީ ރާއްޖެ އައިސްފައި ވަނީ މީގެ ހަފުތާއެއް ކުރިން ދެމަފިރިން އެމެރިކާ އަށް ކުރި ޗުއްޓީ ދަތުރެއް ނިންމައިލުމަށް ފަހު އެވެ.