Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މާލެ އާއި ހުޅުމާލެ ރޭލުން ގުޅާލާނަން: ނާޒިމު

އަމިއްލަ ވެރިކަމެއްގައި މާލެ އާއި ހުޅުމާލެ ރޭލު ދަތުރުގެ ނިޒާމަކުން ގުޅައިލާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އޭނަގެ "އުޖާލާ ޒަމާން" ކެމްޕޭންގެ ތެރޭގައި ސަންގު ޓީވީގައިޮ ކުރިއަށް ގެންދިޔަ "ނާޒިމަށް ސުވާލެއް" ގެ ތެރޭގައި ނާޒިމު ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ގުޅާލުމަށް މި ސަރުކާރުން ފަށާފައި އޮތް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިންގަނީ ބޮޑު ގެއްލުމެއްގައި ކަމަށާއި އެ ނިޒާމަށް ބަދަލު ގެނެސް، މާލެ އާއި ހުޅުމާލެ ރޭލު ނިޒާމަކުން ގުޅާލާނެ ކަމަށެވެ.

ނާޒިމު އެގޮތަށް ވިދާޅުވި އިރު، އާރްޓީއެލް ނިޒާމު ހިންގަނީ އޭނަގެ ކޮއްކޮ އާދަމް އާޒިމްގެ ސީއީއޯގެ މަގާމުގައި ހުންނެވި އެމްޓީސީސީންނެވެ.

އޭނަ ވިދާޅުވި ގޮތުގައި އާރުޓީއެލްގެ މޮޑެލް އަކީ ބަދަލުތަކެއް ގެނެސްގެން ހަރުދަނާކުރަން ޖެހޭ ގޮތަށް އޮތް ނިޒާމެކެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި މާލެއިން ފެށިގެން ހުޅުމާލެއަށް ރޭލުގެ ނިޒާމަކުން ގުޅާލާނަން. ހަމައެޔާއެކީގައި މާލެ ހުޅުމާލެއަށް، މާލެއިން އެއަޕޯޓަށް، އެއަޕޯޓުން މާލެއަށް ދެވޭނެ،' އޭނަ ވިދާޅުވި އެވެ. "ރޭލު ސާވިސް، ތަހުޒީބީ ޒަމާނީ ފެންވަރުގައި ބާރުގައި ދުވާ [ނިޒާމެއް] ހަމަޖައްސާނަން. އޭރަށް ކޮންޖެކްޝަން ފިލީ، އަރާމުގައި ދަތުރުކުރެވިގެން ދިޔައީ. ހެޑޭކް ފްރީވީ."

ނާޒިމު ވިދާޅުވި ގޮތުުގައި މިކަމަކީ އޭނަގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނެ އެއް ކަންތަކެވެ.

އޭނަ ފާހަގަކުރެއްވި ގޮތުގައި މިހާރު އާރްޓީއެލް ހިންގަނީ ބޮޑު ގެއްލުމެއްގަ އެވެ. އަދި އެކަމުގެ ގެއްލުން ކުރު މުއްދަތެއްގައި ނުފެނުނަސް ދިގު މުއްދަތެއްގައި ގެއްލުން ދައްކާނެ ކަމަށް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ އާރުޓީއެލް އައުމުން ކުރީގައި ބޯޓުފަހަރު ދުއްވި މީހުންނަށް ވަރަށް ބޮޑު ގެއްލުމެއްވި ކަމަށާއި ވިސްނުމަކީ އިތުރަށް ލޯންޗުތައް ނުބަނުން ކަމަށެވެ. އަދި މިހާރު ލިސްޓެޑް ލޯންޗުތައް އެ ސަރަހައްދެއްގައި ހިމަނައިގެން ފަރުދީގޮތުން ފައިދާވާ ގޮތަކަށް އެއް ރޭޓެއްގައި ބަހައްޓަައިގެން އެކަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

އާރްޓީއެލްގެ ދަށުން ބައެއް ސަރަހައްދުތަކުގައި އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.