Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ހިތަދޫގެ ޒޯން އެކެއް ހިއްކައި ނިމެނީ

އައްޑޫގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ހިތަދޫން ހިއްކާ ސަރަހައްދުގެ ޒޯން އެކެއްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.

ހިތަދޫ ހިއްކިުން ދެ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ޒޯން އެކެއްގައި ހިމެނެނީ ސަރަހައްދީ ބަނދަރުން ދެކުނަށް، ގައުކެނޑި ބްރިޖާ ހަމައަށެެވެ. އަދި ޒޯނުން ފުރަތަމަ ހިއްކަން ހަމަޖެހިފައި އޮތީ 50 ހެކްޓަރު ނަމަވެސް މިހާރު ހިއްކާނީ 40 ހެކްޓަރެވެ. ޒޯން އެކަކީ ރައްޔިތުންނަށާއި ދައުލަތުގެ އެކި ކަންކަމަށް ހިއްކާ ބިމެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑް އިން ބުނެފައިވާ ގޮތުގައި ހިތަދޫގެ ޒޯން ދޭކުން ވެސް ވެސް އެ ވަރުގެ ތަނެއް ހިއްކާނެވެ. ޒޯން ދޭކަކީ މައިގަނޑު ގޮތެއްގައި ގޮނޑުދޮށް ހިމާޔަތްކުރަން ހިއްކާ ސަރަހައްދެވެ. ޒޯން އެކެއް ހިއްކައި ނިމުމާ އެކީ ޒޯން ދޭއް ހިއްކަން ފަށާނެ އެވެ.

އެއަށް ފަހު ދެން ހިއްކަން ފަށާނީ ރިސޯޓުތަކަށް ހިއްކާ ރަށްތަކެވެ. ފުރަތަމަ ހިއްކާނީ ހިތަދޫ ފަޅުގެ އުތުރުން ހިއްކަން ތައްޔާރުކޮށްފައިވާ ރިސޯޓެވެ.

ފަޅުތެރެއިން ޖުމްލަ ތިން ރިސޯޓަށް 8.3 ހެކްޓަރުގެ ރަށްތަކެއް ހިއްކާނެ އެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެންމެ ފުރަތަމަ ނިންމީ މަރަދޫ އާއި މަރަދޫފޭދޫގެ މަސައްކަތެވެ. ބިން ހިއްކައި ނިންމުމަށް ފަހު މިހާރު އަންނަނީ ހިއްކި ސަރަހައްދުތަކުގައި ރިވެޓްމަންޓް ޖަހަމުންނެވެ.

ބިން ހިއްކަން ވެން އޫޑްއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް 27 ގަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން

ކައުންސިލުން ބުނެފައި ވަނީ މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.