Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

ކެޓްރީނާގެ "މެރީ ކްރިމަސް" ޑިސެމްބަރަށް

މި ވަގުތު ރާއްޖޭގައި ހުރި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ސަސްޕެންސް ތުރިލާ "މެރީ ކްރިމަސް" ގެ ޕޯސްޓަރުތަކެއް، ދައްކާލައި ފިލްމު މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ނިންމިކަން އިއުލާންކޮށްފި އެވެ.

ދެހާސް އަށާރައިގެ ކާމިޔާބު ފިލްމު "އަންދާދުން" ގެނެސްދިން ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު 15 ގަ އެވެ. މި ފިލްމުގެ ކުރިން ނޮވެމްބަރު މަހުގެ މެދުތެރޭގައި ކެޓްރީނާ އާއި ސަލްމާން ޚާންގެ "ޓައިގާ 3" ސިނަމާތަކަށް އަންނާނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މެރީ ކްރިސްމަސް" ގެ ބަތަލަކީ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އެވެ. އޭނަ އަކީ މި އަހަރުގެ ސެޕްޓެމްބަރު 7 ގައި ރިލީޒްކުރާ ޝާހްރުކް ޚާންގެ "ޖަވާން" ގެ ވިލަން ވެސް މެ އެވެ.

"ރޭސް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ "މެރީ ކްރިސްމަސް" ގެ ކާސްޓްގައި "އަންދާދުން" ގެ ރޯލެއް ވެސް ކުޅުނު ރާދިކާ އަޕްޓޭގެ އިތުރުން ސަންޖޭ ކަޕޫރާއި ވިނޭ ޕަތަކް ވެސް ހިމެނެ އެވެ.

ކެޓްރީނާގެ އިންސްޓަގްރާމްގައި ވެސް މިއަދު ފިލްމުގެ ޕޯސްޓަރެއް ހިއްސާކޮށްފައިވާ އިރު، އޭނަ، ފިރިމީހާ އެކްޓަރު ވިކީ ކޯޝަލާ އެކީ ރާއްޖެ އައީ 40 ވަނަ އުފަން ދުވަސް ފާހަގަކުރާށެވެ. ކެޓްރީނާގެ އުފަން ދުވަހަކީ ޖުލައި 16 އެވެ.