އައްޑޫސިޓީ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފިއެވެ.
މިސްކިތް ބިނާ ކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ، އައްޑޫސިޓީއަށް ވަޑައިގެން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ އެވެ. މި ރަސްމީއްޔާތުގައި މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް އަދި ހުޅުދޫ ދައިރާގެ ކައުންސިލަރ ހުސެއިން ފައިޒުއް-ރަޙްމާން ބައިވެރިވަޑައިގެންނެވިއެވެ.
ރަސްމީއްުޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ކަނޑައެޅިފައިވާ މުއްދަތައް މިސްކިތް ނިންމައިދޭން އެދިފައެވެ. އަދި މިހާރު މިނިސްޓްރީން ހާވަލުކޮށް ޤާއިމް ކުރެވޭ މިސްކިތްތަކަކީ މުޅިން ތަފާތު ޑިޒައިންތަކަށް ބިނާ ކުރެވޭ މިިސްކިތްތަކެއް ކަން ޑރ. ޒާހިރު ފާހަގަ ކުރެއްވިއެވެ.

މީދޫގައި ޤާއިމް ބިންގާ އެޅިފައިވާ މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި) ޙަރަދުކޮށްގެން ހިންގަން ހަމަޖެހިފައިވާ މިސްކިތެކެވެ. މިސްކިތް ބިނާ ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވަނީ ނޫރައްދީން އިންވެސްޓްމެންޓާއިއެެވެ. އަދި މިސްކިތް ނިންމުމަށް ދީފައިވަނީ އެއް އަހަރު މުއްދަތެކެވެ.
އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރާ މި މިސްކިތުގެ އިތުރުން، ހިތަދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް ވެސް ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އައްޑޫ އިސްލާމީ މަރުކަޒަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްގެ ރިޔާސީ ވަޢުދެކެވެ.