ސަރުކާރުން ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދާ މިސްކިތްތައް ނުނިމި ދިގުލައިގެން ދިއުމުން ރަށްރަށުގައި އަޅަން ހަވާލު ކުރާ މިސްކިތްތަކުގެ ޖާގަ ކުޑަވާ ކަމުގެ މައްސަލަ ދިމާވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްެޖެވެ.
މިއަދު މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފަށްޓަވައި ދެއްވާފައެވެ. މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޒާހިރު ވަނީ މިސްކިތްތަކުގެ މަސައްކަތް ބައެއް ފަހަރު ލަސްވާކަން ފާހަގަކޮށްފައެވެ. އަދި ދީފައިވާ މުއްދަތައް ނިންމުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިސްކިތްތަކަކީ ރަށެއްގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް އެކަމުގައި އެކުލެވިގެންވާ ބިނާއަކަށްވާއިރު މިސްކިތްތައް ބިނާކުރުމަށް ދެވޭ މުއްދަތަކީވެސް ވަކިގޮތަކަށް ބަލައިގެންދެވޭ މުއްދަތެއްކަން މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން އެރަށެއްގައި ބިނާކުރުމަށް ކަނޑައެޅޭ މިސްކިތުގެ ޖާގަކުޑަވުމުގެ މައްސަލަ ދިމާވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ސަރުކާރުން ކުރަމުންދާ މަސައްކަތާއި އެއްވަރަށް ކޮންޓްރެކްޓަރުން ވެސް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.
އައްޑޫ ސިޓީ މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުން.
މި މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް.
މިއީ 700 މީހުންގެ ޖާގައިގެ މިސްކިތެއް. pic.twitter.com/MtLJzYHyCW— Ministry of Islamic Affairs (@MVIaffairs) July 17, 2023
މިނިސްޓަރގެ ވާހަކަފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސާލީހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވީއްސުރެ ދިނީ ޝީއާރުތަކުގެ ގޮތުގައި ފެންނަ މިސްކިތްތަކުންވެސް ތަރައްޤީގެ އަސަރު ފެންނަ ކަމަށެވެ. އަދި މިހާރު ޑިޒައިން ކުރެވޭ މިސްކިތްތަކަކީ ރައީސްގެ ލަފާފުޅާއިއެކު، ތަފާތު ޑިޒައިންތަކަށް ތައްޔާރު ކުރެވޭ މިސްކިތްކަން މިނިސްޓަރ ތަކުރާރު ކުރެއްވިއެވެ.
މިހާތަނަށް 12 މިސްކިތެއްގެ މަސައްކަތް ނިމިފައިވާއިރު 19 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރ ޑރ. ޒާހިރު ވިދާޅުވީ އެގްރީމަންޓް ހަދާ ކޮންމެ މިސްކިތަކީ 1 އަހަރުދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މިސްކިތްތައްކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދާ 19 މިސްކިތުގެ މަސައްކަތް ނިންމުމަށްވެސް ދީފައިވަނީ ހަމަ އެ މުއްދަތުކަމަށާއި މުއްދަތުގެތެރޭގައި މިސްކިތްތަކުގެ މަސައްކަތް ނިންމިނަމަ އެ މިސްކިތްތައްވެސް މިއަދު މިހާހިސާބަށް ހުންނާނީ ނިމި، ރައްޔިތުންނަށް ބޭނުންކުރެވޭވަރުވެފައިކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ހަވާލުކޮށްފައިވާ ބައެއް މަސައްކަތް ލަސްވެފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްވެސް ވަނީ ބައެއް ރައްތަކަށް ކެމްޕެއިނަށް ވަޑައިގެން ފާހަގަކޮށްފައެވެ. އަދި މިހާރު މިކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.