ސ. ގަމުގައި ހަދަން ނިންމާފައިވާ އެއާޕޯޓް ހޮޓަލް އަންނަ މަހު އަނެއްކާވެސް ޓެންޑާރ އަށް ހުޅުވާލާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން (އޭއައިއޭ) ބުނެފިއެވެ.
އޭއައިއޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވީ، ގަން އެއާޕޯޓް އިންޓަނޭޝަނަލް ކުރެވޭއިރު އެއާޕޯޓް ހޮޓަލެއް ހުރުން ވަރަށް މުހިއްމު ކަމަށާއި އެހެންވެ ދެ ފަހަރު ހުޅުވާލައިގެންވެސް ޝައުގުވެރި ފަރާތެއް ލިބިފައި ނުވާ ކަމަށެވެ.
އަދި އަންނަ ޑިސެމްބަރު މަހު ބައިނަލް އަގްވާމީ ބީލަމަށް ހުޅުވާލަނީ ރަނގަޅު ފަރާތެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
އޭއައިއޭއިން ނިންމާފައިވަނީ ހޮޓަލް ތަރައްޤީ ކުރާ ފަރާތަކަށް 50 އަހަރަށް ކުއްޔަށް ދޫކުރުމަށެވެ.
ގަމުގެ ވައިގެ ބަނދަރުގެ އިންޓަނޭޝަނަލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމިފައިވާ އިރު ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހޯގާޑާއި ވަނީ ހަވާލުކޮށްފައެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅު އެއާޕޯޓް ބައިނަލް އަގްވާމީ ފެންވަރުގައި އޮޕަރޭޓް ކުރެވޭނެ ކަމަށް އޭއައިއޭއިން ބުނެއެވެ.