ރާއްޖޭގެ 155 ރަށެއްގެ 155 މިސްކިތެއްގައި ސޯލާ ޕެނެލް ހަރުކުރަން ނިންމައި އެ ތަކެތި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ އެ ތަކެތި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 17 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ހަމައަށް ރަޖިސްޓްރީވެވޭނެ އެވެ. އަދި ރަޖިސްޓްރޭޝަނަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން މިސްކިތްތަކުގައި ސޯލާ ހަރުކުރަން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް ބޭނުންވާ ސޯލާ ޕެނަލް ސަޕްލައިކޮށްދޭން ބީލަން ހުށަހަޅާ ފަރާޔްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000ރ. ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާން ތާރީހުން ފެށިގެން 148 ދުވަހެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ސޯލާ ހަރުކުރުމަކީ ޒީރޯ ނެޓަށް ވާސިލުވާން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެކެވެ. އެގޮތުން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓް ސޯލާ ނުވަތަ އިރުގެ ހަކަތައަށް ބަދަލުރުކުރުމުން ކަރަންޓަށް މިހާރު ކުރަން ޖެހޭ ހޭދަ ކުޑަވެ، ތެލަށް ބަރޯސާ މިންވަރު ވެސް ކުޑަކުރެވޭނެ އެވެ.
ރާއްޖޭގައި އަމިއްލަ ބައއް ފަރާތްތަކުން ބިނާކޮށްފައިވާ ބައެއް މިސްކިތްތަކުގައި މިހާރު ވެސް ސޯލާ ކަރަންޓް ބޭނުންކުރެ އެވެ.