Last Updated: July 25, 13:16
Saturday, July 25, 2026
ޚަބަރު

ކުރީގެ ޑައިރެކްޓަރު ފައްތާހް ޕީޕީއެމަށް

ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ޕީޕީއެމަށް ސޮއިކޮށްފި އެވެ.

އޭނަ އެ ޕާޓީ އަށް ސޮއިކުރީ ރޭގަ އެވެ. ފައްތާހްގެ ފޯމާ ޕީޕީއެމްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ޕާޓީ ހިންގެވުމުގައި މިހާރު އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރައްހީމް އަބްދުﷲ (އަދުރޭ) އެވެ.

ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސްދިން ފައްތާހް، 51، ޕީޕީއެމަށް ސޮއިކުރި އިރު، އޭނަ އެންމެ ފަހުން ގެނެސްދިން 2017 ގެ ފިލްމު "ހައްދު" އަށް ފަހު، ދިރިއުޅެމުން އަންނަނީ އުފަން ރަށް ކ. ކެލާގަ އެވެ. އެއީ ފިލްމީ މަސައްކަތްތައް ދޫކޮށްލުމަށް ފަހު އެވެ. އޭގެ ފަހުން ފައްތާހް އަންނަނީ ރަށުގައި "މިޗޫބްސް" ގައި ނަމުގައި ކެފޭއެއް ހިންގަމުންނެވެ.

އޮފީސް ޓެލެޑްރާމާތަކުން އާންމުންގެ ސަމާލުކަން ހޯދި ފައްތާހް ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމަކީ 2000 ވަނަ އަހަރުގެ "ހިމޭން ދުނިޔެ" އެވެ. އޭގެ ފަހުން އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "އާނ…އަހަރެން ވެސް ލޯބިވިން"، "ވެހޭ ވާރޭ ތެރެއިން"، "އޭނާ"، "ހުރީމޭ އިންތިޒާރުގައި"، "14 ވިލޭރޭ" އަދި "ޖިންނި" ހިމެނެ އެވެ.

ވަރަށް ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް ވެސް ގެނެސްދިން ފައްތާހު ވަނީ ވަރަށް މަގުބޫލު ޓީވީ ސިލްސިލާތަކެއް ވެސް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "ރޭޝަމް"، "ދޯޕައްޓާ"، "އައިޝާ"، "ތިޔޭ މި ހިތުގެ ވިންދަކީ" އަދި "ހިނިތުންވެލާށޭ ކަލާ" ހިމެނެ އެވެ.