Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

100 ބައިވެރިންނާ އެކީ އާބަންކޯ އެޕްރެންޓިސް ފަށައިފި

އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ؛ އާބަންކޯ

އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޖުމްލަ 100 ބައިވެރިންނާއި އެކު ފަށައިފިއެވެ.

މި މިޕްރޮގްރާމް އިފްތިތާޙް ކުރުމަށް ޝްވެކް ސިނަމާގައި ބެއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމް، އަރބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު އާތިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަރބަންކޯގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަޤްޞަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުމާއި އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލުމެވެ. މީގެ އިތުރުން ޤައުމީ ސަނަދެއް ހޯދައިދީ މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުރުތުމަށް އެހީވެދިނުމަކީވެސް ޕްރޮގްރާމުގެ މަޤްސަދެކެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، 3000 ޒުވާނުން ބިނާކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އެކުންފުނީގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. ދި ގިނަ ދާއިރަތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.


މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 ފަރާތަކަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދީފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ޤައުމީ ލެވެލް 3 ގެ ސަނަދެއް ލިބޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މި ޕްރޮގްރާމްގައި 11 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ. މި ދާއިރާތަކަކީ ހެވީވެހިކަލް، ވެލްޑިންގ، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ހައުސްކީޕިންގ، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ.

އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އަރބަންކޯއިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާ އެކު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމް ކުރިއަށް މި ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުއެވެ. މިއީ އާބަންކޯގެ 6 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.