ހުޅުމާލޭ ފޭސް 1 ގައި ޖާހް ކުންފުނިން ހަދަމުންދިޔަ "ދަ ގާޑެންސް" ފްލްޓުގެ މަސައްކަތް ނިންމުމަށް ދިން ނޯޓިސް މުއްދަތު ހަމަވެ، އެ މަސައްކަތް އާބަންކޯއިން ނިންމަން ހާވަލުވެއްޖެއެވެ.
ޖާހު އިންވެސްޓްމެންޓަށް މަަސައްކަތް ނިންމުމަށް މުއްދަތު ދިނީ، މިދިޔަ ޖޫން މަހު އެވެ. ނަމަވެސް 30 ދުވަހުގެ ނޯޓިސްއަށް ފަހުވެސް އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވެއެވެ. އަދި މި ފްލެޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިކަމުގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އަރބަންކޯއިން މަސައްކަތް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
އާބަންކޯއިން ބުނި ގޮތުގައި ފްލެޓުތަކުގެ 91 އިންސައްތަ މަސައްކަތް ނިމިފައި ވުމުން، އައު ޑިވެލޮޕަރެއް މަސައްކަތް ނިންމަން ހޯދުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ. އަދި އާބަންކޯއާއި އެ ކުންފުންޏާއި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކްތައް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އާބަންކޯގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުޢާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުންކަން އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން މިގޮތަށް ނިންމިއިރު، މި ފްލެޓްތައް ފިނިޝިން މަސައްކަތް ކުރުމަށް ފައިސާ ޙަރަދު ކުރާނީ އެކުންފުނިން އަމިއްލައަށްތޯ ނޫނީ އެހެން ގޮތަކަށްތޯ ހާމަކޮށްފައި ނުވެއެވެ.
މިއީ 2017 ވަނަ ހެދުމަށް ޖާހް އާއި ހަވާލުކުރެވުނު މަސައްކަތެކެވެ. އެތަނުގައި 83 އެޕާޓްމެންޓް ހަދާއިރު 3 ކޮޓަރީގެ އެޕާޓްމެންޓް އަދި ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނެއެވެ. މި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ، ފްލެޓްތައް ގަތް ފަރާތްތައް ކަނބޮޑުވުން ފާޅުކޮށް ވަނީ މުޒާހަރާވެސް ކޮށްފައެވެ.