މިދިޔަ މަހު މީރާއަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މީރާއިން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިރާއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޖުމްލަ 1.61 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މީގެ ތެރެއިން 48.42 މިލިއަން ލިބިފައިވަނީ ޑޮލަރު އާމްދަނީގެ ގޮތުގައެވެ. މީރާއިން ހާމަކުރި ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީއަކީ، މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު 31.7 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި މީރާއަށް 2.36 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
މިދިޔަ މަހުގެ އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވި މައިގަނޑު ސަބަބެއް ގޮތުގައި މީރާއިން ފާހަގަކުރީ، އިންކަމް ޓެކްސް އަދި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލި ޖުލައި އަށް ފަސް ކުރުމުންނެވެ. އެގޮތުން އިންކަމްޓް ޓެކްސް ޑެޑްލައިން ޖުލައިއަށް ފަސް ކުރަން މީރާއިން ނިންމިއިރު، ބިމު ކުލި ދެއްކުން ފަސްވީ މިދިޔަ މަހު ފަހުކޮޅު ބޮޑު ޢީދު ބަނދާއިއެކު، އެ ބައި ދެއްކުމުގެ އެންމެ ފަހު ދުވަސް ޖުލައި 2 އަށް ފަސް ވުމުންނެވެ. މީގެ އިތުރުން ގްރީން ޓްކްސް އެއާޕޯޓް ޓެކްސް އަދި ޖީއެސްޓީވެސް ބޮޑު ޢީދު ބަންދާއި ގުޅިގެން ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް ފަސް ވެގެން ދިޔައެވެ.
Monthly revenue collection for June 2023 has been published. To read it please click: https://t.co/LwpIL9jiP8 pic.twitter.com/PLUSqg8yId
— Maldives Inland Revenue Authority (@MIRAmaldives) July 17, 2023
މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މީރާއިން ވަނީ ޖޫން މަހު އާމްދަނީ ދަށްވާނެ ކަމަށް ލަފާވެސް ކޮށްފައެވެ. ނަމަވެސް ލަފާ ކުރި އަދަދަށް ވުރެ 42.9 އިންސައްތަ ވަނީ އާމްދަނީ އިތުރުވެފައެވެ. މިއީ ގިނަ ޓެކްސްތަކުގެ ޑެޑްލައިނަށް ބަދަލު އައި ނަމަވެސް އޭގެ ކުރިން ޓެކްސް ދެއްކި ފަރާތްތައް ގިނަ ވުމުގެ ސަބަބުން ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެންމެ ގިނައިން ލިބިފައިވަނީ އެކި ބާވައްތަކުން ނަގާ އިންކަމް ޓެކްސްއެވެ. އެގޮތުން 604 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 474 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ އެންމެ 4 މިލިއަން ރުފިޔާއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 410 މިލިއަން ރުފިޔާ ޖޫން މަހު ވަނީ ލިބިފައެވެ. މީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ބިމު ކުލިއެވެ. އެގޮތުން ބިމު ކުލީގެ ގޮތުގައި 231 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީއެއްގެ ގޮތުގައި 64 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.