Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

އެމެރިކާ ލީގަށް ވުރެ ސައުދީ ލީގު ރަނގަޅު

އެމެރިކާ ލީގަށް ވުރެ ސައުދީ ޕްރޯ ލީގު ރަނގަޅު ކަމަށް ސައުދީ ލީގުގެ އަލް ނަސްރުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ މިހެން ބުނެފައިމިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ، އިންޓަ މަޔާމީ އަށް ދާދިފަހުން ސޮއިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ޕްރީ ސީޒަނުގައި އިއްޔެ ސެލްޓަވީގޯ އަތުން 5-0 އިން އަލް ނަސްރު ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ އެމެރިކާ ލީގަށް ވުރެ ސައުދީ ލީގު ރަނގަޅު ކަމަށާއި ސައުދީ ލީގަށް ކުޅުންތެރިން އައުމަށް މަގުފަހިކޮށްދިނީ އޭނާ ކަމަށެވެ. ސައުދީ ލީގަށް މޮޅެތި ކުޅުންތެރިން އަންނަ ނިސްބަތް ދެން ދާނީ އިތުރުވަމުން ކަމަށާއި އަހަރެއްހާ ދުވަސްތެރޭ ސައުދީ ލީގުން ތުރުކީ އަދި ނެދަލޭންޑްސް ލީގު ފަހަތަށް ޖައްސާލާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ ޔޫރަޕްގެ ކްލަބަކަށް ދެން އެނބުރި ދިޔުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް ބުނެފަ އެވެ. އެގޮތުން ޔޫރަޕްގެ ފުޓްބޯޅައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ރަނގަޅު ފެންވަރެއްގައި އޮތީ އިނގިރޭސި ޕްރިމިއާ ލީގު އެކަނި ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ސައުދީ ލީގަށް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ ގެންނަމުންނެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑަށް ކުޅެމުން އައި ކަރީމް ބެންޒެމާ އާއި ޗެލްސީ އަށް ކުޅެމުން އައި ޑިފެންޑަރު ކަލިދޫ ކުލިބާލީގެ އިތުރުން މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ލިވަޕޫލަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް، ރޮބާޓޯ ފިރްމީނޯ ހިމެނެ އެވެ. އަދި ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ، އަލް އިއްތިފާގްގެ ކޯޗަކަށް އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ސްޓީވެން ޖެރާޑް ވަނީ ހަމަޖައްސާފަ އެވެ.