އައްޑޫ ސިޓީ ކައުންސިލުން ހަރަދު ކުރަމުން އަންނަ ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ލޯން ދިނުމަށް ނިންމި މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
އޭސީސީގެ ރައީސް އިބްރާހިމް ލުޠުފީ މިއަދު ވިދާޅުވީ ކައުންސިލުން ރޯވިން އެސޯސިއޭޝަނަށް ތަފާތު ފަހަރުމަތިން، ބޮޑެތި އަދަދުން ފައިސާ ދީފައިވާ މައްސަލަތައް، އޭސީސީން ބަލަމުން އަންނަ ކަމަށާއި، ރޯވިން އެސޯސިއޭޝަނަށް ބޯޓް ހައުސްއެއް އެޅުމަށް ކައުންސިލުން ބޮޑު ލޯނެއް ދޭން ނިންމި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ހިތަދޫ "އީޒީ ރެސްޓް" ގޭގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރޯވިން އެސޯސިއޭޝަނަކީ މާލެއިން ބޭރުގައި އޮތް ހަމައެކަނި އެސޯސިއޭޝަން ކަމަށް ކައުންސިލުން ބުނެއެެވެ. އަދި ކައުންސިލުން އެސޯސިއޭޝަނަށް ހަރަދު ކުރަމުންދަނީވެސް އެހެންވެގެން ކަމަށް ކައުންސިލުން ބުނެއެވެ.
އޮކްޓޯބަރ 24 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 23 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ރޯވިންގ އެސޯސިއޭޝަންގެ ބޯޓުހައުސް ޤާއިމު ކުރުމަށް ބޭނުންވާ ފައިސާ ރޯވިންގ އެސޯސިއޭޝަނާއި މަޝްވަރާ ކުރުމަށްފަހު ލޯނެއްގެ ގޮތުގައި 05 އަހަރު ފަހުން އަނބުރާ ދައްކަން ފަށާ ގޮތަށް މިފައިސާ ދޫކުރުމަށެވެ. ނަމަވެސް ފައިސާގެ އަދަދެއް ހާމަކޮށްފައި ނުވެއެވެ.
އަދި ރޯވިން އެސޯސިއޭޝަނުން ވަނީ ބޯޓު ހައުސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލް މެދުވެރިކޮށް އިއްލާން ކޮށްފައވެ.
ލުޠުފީ ވިދާޅުވީ، ރޯވިން އެސޯސިއޭޝަން އާއި ގުޅިގެން މީގެ ކުރިން ހުށަހެޅުނު މައްސަލަތައް ބަލައި ތަހްގީގް ކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަތަކުގެ ރިޕޯޓް ވަރަށް އަވަހަށް އާއްމު ކުރާނެކަމަށެވެ.
ކައުންސިލުން ފައިސާ ހަރަދުކޮށްގެން، އެ އެސޯސިިއޭޝަންގެ މެމްބަރުންތަކެއް ރާއްޖޭން ބޭރަށް ގޮސްފައިވާ އިރު އެދަތުރު ތަކުގައި ކައުންސިލަރު، ހުސެއިން ހިލްމީ އާއި ރޯވިން އެސޯސިއޭޝަންގެ ރައީސް ހިތަދޫ، ދޮނަޅަމާގެ، އަހްމަދު ބައިވެރިވެފައިވެއެވެ.