Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

"ޕްރޮޖެކްޓް ކޭ" ގައި ދީޕިކާ ލުކް ދައްކާލައިފި

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ޕްރޮޖެކްޓް ކޭ" ގައި ބަތަލާ ދީޕިކާ ޕަދްކޯން ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރެއް ދައްކާލައިފި އެވެ.

ފިލްމުގެ ޓީމުން އޭނަގެ ފަސްޓްލުކް ދައްކާލައިފައި މި ވަނީ އަންނަ ބުރާސްފަތި ދުވަހު ޕްރޮޖެކްޓާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް، އެމެރިކާގެ ސެން ޑިއޯގައި ބާއްވާ ހޮލީވުޑްގެ އިވެންޓް ކޮމިކް-ކޮން އިވެންޓްގައި އިއުލާންކުރަން ފުރުސަތު ލިބިފައި ވަނިކޮށެވެ. އެ އިވެންޓް މިހާރު ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރަމުން އަންނަ އިރު، ނިއު ޔޯކްގެ ޓައިމްސްކެއާގެ ބިލްބޯޑްތަކުގައި ވެސް "ޕްރޮޖެކްޓް ކޭ" އަންނަނީ އިޝްތިހާރު ކުރަމުންނެވެ.

ކޮމިކް-ކޮން އިވެންޓްގައި ފިލްމުގެ ރަސްމީ ނަމާއި ރިލީޒްކުރާނެ ތާރީހުގެ އިތުރުން ފިލްމާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ހިއްސާކުރާނެ އެވެ. އެ އިވެންޓްގައި ފިލްމުގެ ތަރިންގެ ތެރެއިން ދީޕިކާ އާއި ބަތަލު ޕްރަބާސްގެ އިތުރުން ފިލްމުގެ ވިލަންގެ ރޯލުން ފެންނާނެ ކަމަލް ހަސަން ބައިވެރިވާނެ އެވެ

"ޕްރޮޖެކްޓް ކޭ" ގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިޝާ ޕަޓާނީ ވެސް ހިމެނެ އެވެ. މި ފިލްމަކީ މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން ގެނެސްދޭ އެޕިކް ސައިންސް ފިލްޝަން ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖުމްލަ 600 ކްރޯޑް ރުޕީސް (73 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމުގެ ހާއްސަ ފެނިލުންތަކުގައި ޝާހްރުކް ޚާނާއި ސަލްމާން ޚާންގެ އިތުރުން ރިތިކް ރޯޝަން ވެސް ހިމެނެ އެވެ.

ހިންދީ ސިނަމާ އަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ކަމަށް ގިނަ ބަޔަކު ލަފާކުރާ "ޕްރޮޖެކްޓް ކޭ" ރަސްމީކޮށް އިއުލާންކުރަން ތައްޔާރުވަމުން އަންނަ އިރު، ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ޝާހްރުކްގެ "ޕަތާން" އެވެ. އަދި އަންނަ ސެޕްޓެމްބަރުގެ 7 ގައި ރިލީޒްކުރާ ޝާހްރުކްގެ "ޖަވާން" ގައި ވެސް ދީޕިކާގެ ވަރަށް ފެނިލުމެއް ހިމެނެ އެވެ.