Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ހިތަދޫ ޒޯން 1 ހިއްކާލީ 17 ދުވަހުން

ހިތަދޫ ޒޯން 1 ގެ ބިން ހިއްކުމުގެ މަސައްކަތް 17 ދުވަހުގެ މި މަސައްކަތް ކުރަމުންދާ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިން ނިންމައިފިއެވެ.

މިމަސައްކަތް އެކުންފުނިން ފަށާފައިވަނީ މަރަދޫ އަދި މަރަދޫ-ފޭދޫ ހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހު މިމަހުގެ 1 ވަނަ ދުވަހުގައެވެ. އެގޮތުން މިމަސައްކަތަށް އެކުންފުނިން ހޭދަ ކުރީ ޖުމްލަ 17 ދުވަސް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. ޒޯން 1 ހިއްކައި ނިންމި ނަމަވެސް، އެތަނުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރަމުންދާނެއެވެ.

ވެން އޫޑް ކުންފުނިން ހިތަދޫ ޒޯން 1 ގެ މަސައްކަތް ނިންމާފައިވާއިރު، ދެން މައިގަނޑު ގޮތެއްގައި ކުރާނީ ހިތަދޫ ފަޅު ތެރޭގައި ހިއްކަން ހަމަޖެހިފައިވާ ދެ ރިސޯޓާއި މީދޫ ކައިރީ ހިއްކާ ރިސޯޓުގެ މަސައްކަތެވެ. މި ރަށްތަކަކީ ރިސޯޓުގެ ގޮތުގައި ތަރައްޤީ ކުރާ 8.3 ހެކްޓަރުގެ ރަށްތަކެވެ.

މި ރަށްތަކުގެ އިތުރުން އެހެން މަޝްރޫޢުއެއްގެ ތެރެއިން އިތުރު ދެ ރަށެއް ހުޅުދޫ-މީދޫ ކައިރިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއި އެކު ޖުމްލަ 5 ރަށެއް ހިއްކިގެން ދާނެއެވެ.

ހިތަދޫ ޒޯން 1 ފުރަތަމަ ހިއްކަން ހަމަޖެހިފައި އޮތީ 50 ހެކްޓަރު ނަމަވެސް މިހާރު ހިއްކާނީ 40 ހެކްޓަރެވެ. އަދި ޒޯން 2 އިން ވެސް މިވަރުގެ ތަނެއް ހިއްކާނެވެ. ޒޯން 1 އަކީ ހިތަދޫއިން ރައްޔިތުންނަށާއި، ދައުލަތުގެ އެކި ކަންކަމަށް ބޭނުންވާ ބިން ހޯދުމަށް ހިއްކާ ސަރަހައްދެކެވެ. ހިތަދޫ ޒޯން 2 މައިގަނޑު ގޮތެއްގައި ހިއްކަނީ އެ ސަރަހައްދު ގޮނޑުދޮށް ހިމާޔަތް ކުރުމަށެވެ.

ވެން އޫޑް ކުންފުނިން އައްޑޫގައި 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން އައްޑޫއަށް 50 އަހަރަށް ބޭނުންވާ ބިން އިތުރުވެގެންދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

މިމަޝްޜޫޢުގެ ހިއްކުމުގެ މަސައްކަތް އޯގަސްޓް މަހު ނިމެނޭ ކަމަށް ސަރުކާރުން ބުނެއެވެ.