Last Updated: July 23, 18:20
Friday, July 24, 2026
ޚަބަރު

އެމްއައިބީގެ ބިޒްނެސް ސެންޓަރެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބިޒްނަސް ސެންޓަރެއް މާލޭގައި ހުޅުވައިފި އެވެ.

ހ. މެރިން ޑްރީމްގައި ގާއިމުކުރި އެ ސެންޓަރު އިއްޔެ ހުޅުއްވައި ދެއްވީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްއައިބީގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުފައްދަލް އިދްރީސް އެވެ.

އެމްއައިބީން ބުނީ ބިޒްނެސް ސެންޓަރުން ކޯޕަރޭޓް އަދި ރީޓެއިލް ކަސްޓަމަރުންނަށް ވެސް ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުޅާކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ބިޒްނަސް ސެންޓަރުތަކާއި ބްރާންޗްތަކާއި ޑިޖިޓަލް ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރާނެކަމަށް ސީއީއޯ ވިދާޅުވި އެވެ.

އެމްއައިބީގެ ބިޒްނަސް ސެންޓަރުގައި ބިޒްނަސް ލައުންޖަކާއި ކާޑް ކަލެކްޝަން ސެންޓަރުގެ ޚިދުމަތާއި އޭޓީއެމްގެ ހިދުމަތް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ޑޮލަރު އޭޓީއެމެއް ވެސް ހިމެނެ އެވެ.

އެމްއައިބީގެ ބާޒާރު ސާވިސް ސެންޓަރުން ދެމުންދާ ހިދުމަތްތައް ވެސް ވަނީ އިއްޔެ ހުޅުވި ބިޒްނަސް ސެންޓަރަށް ބަދަލުކޮށްފަ އެވެ.

ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއައިބީގެ ފަރާތުން މައުމޫނަށް ހަނދާނީފިލައެއް އެރުވި އެވެ.