މިދިޔަ އަހަރު ކައިވެނިކުރި ހޮލީވުޑްގެ ބަތަލާ ލިންޒީ ލޯހާން އަށް ދަރިއަކު ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ބޭޑާ ޝަމަސް ކިޔާ މީހަކާ ކައިވެނިކޮށް ދުބާއީގައި ދިރިއުޅެމުން އަންނަ ބަތަލާ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ކުއްޖާގެ ނަމަކީ ލުއާއީ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު "އައިރިޝް ވިޝް" ކިޔާ ކޮމެޑީ ފިލްމެއްގެ މަސައްކަތް ވެސް ފެށި ލިންޒީ، 37، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ފޯލިން ފޯ ކްރިމަސް" އިންނެވެ.
އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ފްރީކީ ފްރައިޑޭ"، "މީން ގާލްސް"، "އިންއެޕްރޮޕްރިއޭޓް ކޮމެޑީ"، "ޖަސްޓް މައި ލަކް" އަދި "އައި ނީ ހޫ ކިލްޑް މީ" ހިމެނެ އެވެ.