Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

މިސްކިތްތައް ޑިޒައިން ކުރަނީ ރައީސްގެ ލަފާގެ މަތިން

ސަރުކާރުން މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކުރާ މިސްކިތްތަކުގެ ޑިޒައިންތައް ވަރަށް ތަފާތު ވާނެ ކަމަށާއި މިސްކިތްތައް މިހާރު ޑިޒައިން ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކަފާގެ މަތިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

އައްޑޫ މީދޫގައި ސަރުކާރުން ބިނާކުރާ މިސްކިތުގެ ބިންގާ އަޅަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރެވޭ މަސައްކަތްތަކުގެ އިސްލާމީ ޝިއާރު ރަމްޒުކޮށްދޭ މިސްކިތްތަކަކީ ތަރައްގީގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

"ކުރިއާ އަޅާބަލާ އިރު މިހާރުގެ މިސްކިތްތަކުގެ ޑިޒައިން ތަފާތުވާނެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާ އެކު، އައު ޑިޒައިންތަކަށް އިމާރާތްކުރާ މިސްކިތްތައް." މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން މިހާތަނަށް 12 މިސްކިތެ ނިމިފައިވާ އިރު، އިތުރު 19 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތްތަކަކީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްފެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް އެކަމުގައި އެކުލެވިގެންވާ ބިނާއަކަށްވާ އިރު މިސްކިތްތައް ބިނާކުރުމަށް ދެވޭ މުއްދަތު އަވަސްކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އެހެންވެ ކަނޑައަޅާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.