އިންޑިއާގެ ބަތަލާ އާލިއާ ބަޓް ކުޑަކުދިންނަށް ހާއްސަކޮށްގެން ލޯންޗްކުރި ކްލޯތިން ބްރޭންޑް، އެޑް-އަ-މަމާ ގަންނަން އިންޑިއާގެ މަޝްހޫރު މަހުޖަނު މުކޭޝް އަމްބާނީ ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ރިލަޔަންސް ގްރޫޕްގެ ވެރިޔާ އާއި އޭނަގެ އަންހެން ދަރިފުޅު އީޝާ އަމްބާނީ، އާލިއާގެ ބްރޭންޑް ގަންނަން ހުށަހަޅާފައި ވަނީ 300-350 ކްރޯޑް ރުޕީސް (37-43 މިލިއަން) ޑޮލަރުގެ އަގަކަށެވެ. ދެހާސް ވިހީގައި ލޯންޗްކުރި އެޑް-އަ-މަމާގެ ރައުސުލްމާލު މިހާރު 150 ކްރޯޑް ރުޕީސް (18.3 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އަމްބާނީ އާއިލާގެ ފަރާތުން އާލިއާ އަށް ހުށަހެޅި ޑީލްއާ މެދު ކުރިއަށް 7-10 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ. އަދި މި އޮފާ އަކީ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ ވިޔަފާރި ފުޅާކުރަން ފަހިވާނެ، ރަނުގެ ފުރުސަތަކަށްވާތީ އާލިއާ ވަރަށް ސީރިއަސްކޮށް އޮފާއާ މެދު ވިސްނާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މިހާރު އަންހެން ދަރިއެއް ވެސް އޮތް އާލިއާ، 30، ގެ އެޑް-އަ-މަމާ އަކީ އުމުރުން 4-12 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ބްރޭންޑެކެވެ. އަދި މި ބްރޭންޑް މިހާރު އިންޑިއާގެ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލެވެ. މިދިޔަ އަހަރު އާލިއާ ބަލިވެއިނުމާ ގުޅިގެން މާބަނޑު މީހުންނަށް ހާއްސަ ކަލެކްޝަމްތަކެއް ވެސް ބްރޭންޑްގެ ދަށުން ލޯންޗްކުރި އެވެ.
އާލިއާ މިހާރު އަންނަނީ މި މަހުގެ 28 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ޕްރޮމޯޓްކުރަމުންނެވެ. އަދި ހުނަރުވެރި ބަތަލާގެ ފުރަތަނަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އަންނަ މަހުގެ 11 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާނެ އެވެ.