Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

އޮސްޓްރޭލިއާ އިން ކޮމަންވެލްތު ގޭމްސް ދޫކޮށްލައިފި

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ކޮމަންވެލްތު ގޭމްސްގެ 2026 ގެ މުބާރާތް އޮސްޓްރޭލިއާގައި ނުބާއްވަން އެ ގައުމުން ނިންމައިފި އެވެ.

އެ ގައުމުން މިއަދު މިކަން އިއުލާންކޮށް ބުނީ ވިކްޓޯރިއާގައި ބާއްވަން އޮތް މުބާރާތް ހޯސްޓްކުރެވެން ނެތީ އެކަމަށް ހިނގާނެ ހަރަދު ކުރިން ލަފާކުރި ވަރަށް ވުރެ ބޮޑުކަމުން ކަމަށެވެ. ވިކްޓޯރިއާގެ ބޮޑުވަޒީރު ޑެނިއަލް އެންޑްރޫސް މިއަދު މެލްބަންގައި މީޑިއާތަކަށް ވިދާޅުވީ ކޮމަމްވެލްތު ގޭމްސް އަށް ހޭދަވާނެ ކަމަށް ކުރިން އަންދާކުރެވުނީ 1.7 ބިލިއަން ޑޮލަރު ކަމަށެވެ. އެކަމަކު އެންމެ ފަހުން އަންދާޒާތަކުން ދައްކާ ގޮތުގައި މުބާރާތް ހޯސްޓްކުރަން މަދުވެގެން 4.77 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެ ވަރުގެ ހަދަރެއް ކުރަން އޮތް ދަތިތަކާއި ގޮންޖެހުންތަކާ ހެދި ވިކްޓޯރިއާގައި 2026 ގައި ކޮމަންވެލްތު ގޭމްސް ހޯސްޓް ނުކުރެވޭ ކަމަށް ޑެނިއަލް ވިދާޅުވި އެވެ.

"މިއީ އުނދަގޫ ނިންމުމަކަށް ވިޔަސް މި ނިންމުން ނިންމަން މަޖުބޫރު. ބާރަ ވަރަކަށް ދުވަހުގެ މުބާރާތަކަށް އަހަރެމެންނަކަށް ނެތް ހަތް ވަރަކަށް ބިލިއަން ޑޮލަރު ހޭދަކުރެވޭކަށް." އޭނަ ވިދާޅުވި އެވެ.

ވިކްޓޯރިއާގައި 2026 ގެ ކޮމަންވެލްތު ގޭމްސް ބާއްވާނެކަން އިއުލާންކުރީ މިދިޔަ މާޗްގަ އެވެ.

އޮސްޓްރޭލިއާގެ ނިންމުމާ ގުޅިގެން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) އިން މިއަދު ނެރުނު ބުނީ އެ ނިންމުމާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.

"އެ ނިންމާ މެދު ވަރަށް މާޔޫސްވަން. މިއީ ކޮމަންވެލްތު ކުޅިވަރު މޫވްމަންޓަށް ލިބުނު ވަރަށް ހިތްދަތި ޚަބަރެއް." އެތަނުން ނެރުނި ބަޔާނެއްގައި ބުންޏެވެ.

ސީޖިއެފުން ފުނީ މުބާރާތް ހޯސްޓްނުކުރަން އޮސްޓްރޭލިއާ އިން ނިންމީ އެކަމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަން އެކަށީގެންވާ ވަގުތު ވެސް ނުދީ ކަމަށެވެ.

ކޮންމެ ހަތަރު އަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް މިދިޔަ އަހަރު ބޭއްވީ އިނގިރޭސުވިލާތުގަ އެވެ. މިއީ 1930 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.