ނައިބް ރައީސްކަމަށް އެއްްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެެއާޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ ނައިބް ރާއިސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންނާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ ފައްޔާޒު ވަނީ އެކަމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށާއި އެވާހަކަ ދައްކަވަނީ ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވެފައެވެ.
“ތިވާހަކަ ކޮންމެވެސް ސަބަބަކާއި ހުރެ ދައްކަވަމުން ދަނީ ރީކޯ މޫސާ މަނިކު. އެއީ ވަރަށް ދެރަ ކަމެއް” ފައްޔާޒް ވިދާޅުވިއެވެ.
ވެރިކަން ކުރާ އެމްޑީޕީން ރިޔާސީ ޓިކެޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް އަރުވާފައިވާއިރު ދެވަނަ ދައުރަކަށް އެމަނިކުފާނުގެ ރަނިންގް މޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރައްވާނެ ބޭފުޅެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމުގެ ބަހުސް މިހާރުވެސް އެމްޑީޕީ އާންމު މެންބަރުން މެދުގައި ކުރެވެމުންދާއިރު، ފައްޔާޒް އަކީވެސް ބައެއް ފަރާތްތަކުން ރަނިންގް މޭޓެެއްގެ ގޮތުގައި ރަނގަޅު ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ފަރާތެކެވެ.
މިކަމާއި ގުޅިގެން ރައީސް ސާލިޙް ވިދާޅުވީ، ރަނިން މޭޓަކާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށާއި ނަމަވެސް އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ދާދި އަވަހަށް ގޮތެއް ނިންމާނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވާފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލާއިރު، މިހާތަނަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އެއްވެސް ކެނޑިޑޭޓެއް ރަނިންގް މޭޓަކު ކަނޑައަޅާފައި ނުވެއެވެ.