Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ސިޗްއާން އެއާލައިންސް ރާއްޖެ އަށް

ޗައިނާގެ ސިޗްއާން އެއާލައިންސުން އަންނަ މަހު ރާއްޖެ އަށް ދަތުރުތައް ފަށަން ހަމަޖެހިއްޖެ އެވެ.

އެ އެއާލައިންގެ ދަތުރުތައް ވެލާނާ އެއާޕޯޓަށް ފަށާނީ އަންނަ މަހުގެ 29 އިން ފެށިގެންނެވެ. އެގޮތުން ކޮންމެ ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ.

ސިޗްއާން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓަކީ ވިލާ ޓްރެވެލްސް އިން އެވެ. މީގެ 34 އަހަރު ކުރިން ހިދުމަތަށް ނުކުތް ސިޗްއާން އެއާލައިންސަކީ 94 މަންޒިލަކަށް އުދުހޭ އަދި ފްލީޓްގައި 192 ބޯޓް އޮންނަ އެއާލައިނެކެވެ.

ޗައިނާގެ ދެ އެއާލައިނަކުން ވެސް މިހާރު ވެސް ރާއްޖެ އަށް ދަތުރުތައް ބާއްވަ އެވެ. އެއީ ބެއިޖިން ކެޕިޓަލް އެއާލައިންސް އާއި ޗައިނާ އީސްޓާން އެއާލައިންސެވެ. ކޮވިޑާ ވިދިގެން ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން އަހަރު ފަހުން ރާއްޖެ އަށް އަލުން ދަތުރުތައް ފެށީ މި އަހަރުގެ ޖެނުއަރީ 18 ގަ އެވެ.

ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.