Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ކުނި މެނޭޖް ކުރަން ކައުންސިލްތަކަށް އެހީ ދީފި

ރަށްރަށުގެ ކުނީގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ރަށު ކައުންސިލްތަކަށް ކުނި މެނޭޖްކުރަން ހާއްސަ ގްރާންޓެއް ދީފި އެވެ.

މިއީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ސަރުކާރުން ރަށު ކައުންސިލްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

ކައުންސިލްތަކަށް އެހީވުމުގެ ގޮތުން ފައިސާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ގްރީން ފަންޑުން 30.8 މިލިއަން ރުފިޔާ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.

މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މި އެހީގެ ސަބަބުން ރަށު ކައުންސިލްތަކުން ކުނި މެނޭޖްކުރުމަށް ކުރަމުންދާ ޚަރަދު ފޫބެއްދުމަށް ފަސޭހަވެ ރަނގަޅުގޮތުގައި ރަށުގައި ކުނި މެނޭޖްކުރުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އަދި މިއީ މިގޮތަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް ކޮންމެ އަހަރަކުވެސް މޯލްޑިވްސް ގްރީން ފަންޑުން މިކަމަށް ބަޖެޓް ކަނޑައަޅާ މިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެން މި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ބައިވެރިވި ރަށު ކައުންސިލްތަކުގެ ފަރާތުންވަނީ، މިއީ ކައުންސިލްތަކުން ކުރަމުން އަންނަ ޒަމާންވީ ޝަކުވާއަކަށް އިޖާބަ ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް މިކަމުގެ ސަބަބުން ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބުނެފަ އެވެ.

މޯލްޑިވްސް ގްރީން ފަންޑަކީ ރާއްޖެ އަންނަ ފަތުރުވެރިން އަތުން ނެގޭ ގްރީން ޓެކްސް ޖަމާ ކުރުމަށް 2019 ވަނަ އަހަރު އުފައްދާފައިވާ ޓްރަސްޓް ފަންޑެކެވެ. ފަންޑުން 2019 އިން ފެށިގެން މިހާތަނަށް ކުރި ޚަރަދުތަކަށް ބަލާއިރު ފަންޑުގެ 63 އިންސައްތަ ޚަރަދުކޮށްފައި ވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށެވެ. 20 އިންސައްތަ ޚަރަދުކޮށްފައި ވަނީ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކަށެވެ. 15 އިންސައްތަ ޚަރަދުކޮށްފައި ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. ބާކީ ޚަރަދު ކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް ހިންގުނު އެހެނިހެން މަޝްރޫޢުތަކަށެވެ.