Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

ދެކުނުގެ ބަތަލާ ކީރްތީ ބޮލީވުޑަށް

ނެޝަނަލް އެވޯޑް ހޯދާފައިވާ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ކީރްތީ ސްރޭޝް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 30 އަހަރުގެ ބަތަލާ ސޮއިކުރީ ވަރޫން ދަވަނާ އެކީ ކުޅޭ ފިލްމަކަށް ކަމަށެވެ. މި ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރުގެ 7 ގައި ރިލީޒްކުރާ ޝާހްރުކް ޚާންގެ "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ގުޅިގެން ޕްރޮޑިއުސްކުރާ އަދި ތަމަޅަ ޑައިރެކްޓަރު ކަލީސް ޑައިރެކްޓްކުރާ ފިލްމެވެ.

އަންނަ މަހުގެ މެދު ތެރޭގައިި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ މި ފިލްމަކީ އެޓްލީ ޑައިރެކްޓްކުރި 2016 ގެ އެކްޝަން ތުރިލާ "ތެރީ" ގެ ހިންދީ ރިމޭކެވެ. ޕިންކްވިލާ އިން ބުނީ ވަރޫންއާ އެކީ ދެ ބަތަލާއިން ހިމެނޭ ފިލްމުގެ އެއް ބަތަލާ އަކީ ކީރްތީ ކަމަށެވެ. އެކަމަކު ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

މި ފިލްމު ކުރިން ޖާންވީ ކަޕޫރާއި އަނުޝްކާ ޝަރުމާ އަށް ހުށަހެޅުމުން އެ މީހުން ފިލްމު ގަބޫލުނުކުރި ކަމަށް މިދިޔަ މަހު މީޑިއާތަކުން ބުނެފައިވެ އެވެ.

ކީރްތީ އަށް މީގެ ކުރިން ވެސް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވެ އެވެ. އެއީ ރިލީޒްކުރުން ފަސްވެފައި އޮތް އަޖޭ ދޭވްގަންގެ "މައިދާން" އިންނެވެ. އެ ފިލްމު ކީރްތީ އަށް އޮފާކުރި ނަމަވެސް ބައެއް ސަބަބުތަކާ ހެދި އޭގައި އޭނަ އަށް ހިއްސާވެވޭ ގޮތް ނުވީ އެވެ.

ދެހާސް އަށާރައިގެ ތެލެގޫ ފިލްމު "މަހާނަތީ" އިން އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދި ކީރްތީ އަކީ ތެލެގޫގެ އިތުރުން ތަމަޅަ އަދި މަލަޔާޅަމް ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ބަތަލާއެކެވެ.

ވަރުންއާ އެކީ އޭނަ ބޮލީވުޑަށް ތައާރަފުވާން އުޅޭ ވާހަކަ ދެކެވެމުން އަންނަ އިރު، ރަންވީރު ސިންގްއާ އެކީ ކީރްތީ ކުޅުނު އިޝްތިހާރެއް އިންޑިއާގެ ޓީވީ ޗެނެލްތަކުން މިހާރު ދައްކަ އެވެ. އެއީ ކޮޓަކް ބޭންކްގެ އިޝްތިހާރެކެވެ.

މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ކީރްތީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ތަމަޅަ ޕޮލިޓިކަލް ތުރިލާ "މާމައްނަން" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ތެލެގޫ ފިލްމު "ބޯލާ ޝަންކަރް" އާއި ތަމަޅަ ފިލްމުތައް ކަމަށްވާ "ސައިރެން"، "ރަގޫ ތާތާ"، "ރިވޯލްވާ ރީޓާ" އަދި "ކަންނިވެޑީ" ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވަރޫން އާއި ކީރްތީގެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ މެއި 31 ގަ އެވެ.