Last Updated: July 15, 18:06
Wednesday, July 15, 2026
ކުޅިވަރު

އެފްއޭއެމްގައި ކޮރަޕްޝަނެއް ނޯންނާނެ: ބައްސާމް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް - އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ކޮރަޕްޝަނެއް ނޯންނާނެ ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވިދާޅުވީ އެފްއޭއެމުން ފައިސާ އަށް ހިޔާނާތްތެރިވާނަމަ މިއަހަރު ފީފާ އަދި އޭއެފްސީގެ އެހީ ރާއްޖެ އަށް ނުލިބޭނެ ކަމަށާއި ފީފާ އާއި އޭއެފްސީން ބަރާބަރަށް އެފްއޭއެމް އޮޑިޓް ކުރަމުންދާ ކަމަށެވެ. އަދި އެ ދެ އިދާރާގެ ބޭފުޅުން ދޭތެރެއަކުން ރާއްޖެ އައިސް "ސަޕްރައިޒް" އޮޑިޓްތައް ވެސް ހަދާ ކަމަށާއި އެގޮތުން ދާދިފަހުން ވެސް އެގޮތަށް އައިސް ހެދި އޮޑިޓުން އެއްވެސް ގޯހެއް އޮތް ކަމަށް ނުދައްކާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ހަމަ ގައިމުވެސް މިހާރު އެފްއޭ އަށް އަންނަ އެއްވެސް ފައިސާއެއް، ފީފާއިން ވިޔަސް އޭއެފްސީން ވިޔަސް ސަރުކާރުން ދޭ މަދު ފައިސާކޮޅެއް ވިޔަސް ނުރަނގަޅު ގޮތުގައި އެ ފައިސާގައި އަތް ލެވޭނެ ގޮތެއް ނޯންނާނެ. ޔަގީންކޮށް އަރުވަން ކުރިއަށް އޮތް ތަނުގައި ވެސް އެފްއޭއެމްގައި ތި ކޮރަޕްޝަންގެ މައްސަލައެއް ނޯންނާނެ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމް ބައްޓަން ވެފައި އޮތީ މެމްބަރު ކްލަބުތަކުގެ މައްޗަށް ކަމަށާއި އެގޮތުން އެ ކްލަބްތަކުން އޭނާ އަށް ނޫނެކޭ ބުނާ ދުވަހަކީ މަގާމުން ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ގައުމީ ޓީމުގެ ނަތީޖާތައް ގޯސްވުމުން އެކަމުގެ ނުރުހުން އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެ އަޑުތައް އަހައިގެން ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓާފައިވާއިރު، މިއީ މުބާރާތުގެ ތާރީހުގައި ވެސް ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.