Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

"ރޮކީ އޯރް ރާނީ" އިން އާ ލަވައެއް

ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން އާ ލަވައެއް އަނެއްކާ ވެސް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

"ތުމް ކިޔާ މިލޭ" އާއި "ވަޓް ތުމްކާ؟" ގެ ބޮޑު ކާމިޔާބީ އަށް ފަހު، މިއަދު ދައްކައިލި ލަވަ އަކީ "ވޭ ކަމްލެޔާ" އެވެ. ޕްރިތަމްގެ މިއުޒިކަށް މި ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ޝްރެޔާ ގޯޝާލްގެ އިތުރުން ޝަދާބު ފަރީދީ އަދި އަލްތަމަޝް ފަރީދީ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ކުރިން އާންމުކުރި ދެ ލަވައާ ހިލާފަށް "ވޭ ކަމްލެޔާ" އަކީ ތަންކޮޅެއް ޖަޒުބާތީ ސްޓައިލްގެ ވަރަށް މަޑުމައިތިރި އަދި ހިތާމަވެރި އިހުސާސްތަކެއް ގެނުވައިދޭ ލަވައެކެވެ. ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ ހިތްގައިމު ކެމިސްޓްރީ މި ލަވައިން ވެސް ވަރަށް ބޮޑަށް ފެނިގެން ދެ އެވެ.

މިހާރު ވަރަށް ފޯރީގައި ޕްރޮމޯޝަންތައް ކުރިއަށްދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް އަންނާނީ މި މަހުގެ 28 ގަ އެވެ.